ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުމުން އޭގެ ގެއްލުން ލިބެނީ އާދައިގެ ވަކި ވަކި ފުލުހުންނަށް ކަމަށާއި އެގޮތަށް އަންނަ ޣައިރު ގާނޫނީ އަމުރުތަކަށް ތާބަނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ ގައުމެއްގެ ގަދަރު ހިފެހެއްޓުމުގެ އެންމެ ކުރީ ސަފުގައި ތިއްބަވާނީ އެގައުމެއްގެ ސަލާމަތީ ބާރުތައް ކަމަށާއި މިއަދު މިފަދަ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކަން ކުރައްވާ ގޮތާ މެދު ހިތާމަކުރައްވާ ކަމަށެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަންކުރައްވަމުން ގެންދަވާއިރު، ރިޒުގު ދެއްވަނީ ރައީސް ޔާމީނު ނޫން ކަން ހަނދުމަކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ފާޑު ވިދާޅުވަމުން އަމީތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ގާނޫނު އަސާސީ މާނަކުރަން އޮތްތަނެއް ނޫން ކަމަށެވެ.
މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ހިނގައިފި ނަމަ ނުވަތަ އެކަމުގައި ޝައްކެއް އުފެދިއްޖެ ނަމަ އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް ގޮތް ނިންމުމުގައި ބަދަލުގައި ޤާނޫނު އަސާސީން ފަހު ބަސް ބުނަން ކަނޑައަޅާފައިވާ ސުޕްރީމްކޯޓަށް އެބޭފުޅުން ވަޑައިނުގެންނެވީ ކީއްވެގެންތޯ އަމީތު ސުވާލު އުފެއްދެވިއެވެ. އަދި މިއަދު ޣައިރު ޤާނޫނީ އަމުރުތައް ކުރަމުންދާ ފަރާތްތަކުން ތާއަބަދު އެގޮތަށް މަގާމުތަކުގައި ތިއްބެވޭނޭ ކަމަށް އެބޭފުޅުންނަށް ހީވުމަކީ ކުށްހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މަގާމުގައި ދެމި ތިބެވޭނީ ރައީސް ޔާމީންގެ ބްލެސިންގައި ކަމަށް ހީވުމަކީ ކުށްހީއެއް. ބޯ ކަނޑަލިޔަސް ބޯ ގުދެއް ނުކުރާނަން،" އަމީތު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާ ކަމަށް ބުނެ މެމްބަރު އަމީތު ވަނީ ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައެވެ.
އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ގާނޫނުއަސާދީ އާއި ގާނޫނުތަކުގައި ބުނާ ފަދައިން އެކަމާ މެދު މިހާތަނަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައެއް ނުވެއވެެ. ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާއިމެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެކަމެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަމީތާއި ގޮނޑި ގެއްލުވައިލި އެހެން މެންބަރުން ވެސް މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ވަނީ ބަލައިގެންފައެވެ.