ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 07:49
 ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ރާއްޖެއެމްވީ
މެމްބަރު މުހައްމަދު ނާޒިމް
މުޅި ދުނިޔެ މި ސަރުކާރަށް މަލާމަތްކުރަން ފަށައިފި: ނާޒިމް
މިއަދު މި ކުރީ ގޯނާ އާއި އަނިޔާ
މިއީ ބަލައިގެނެވޭނޭކަމެއް ނޫން
މާދަންވެސް އަޅުގަނޑުމެންނަށް އެތަނަށް ވަދެވޭނެ

މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަ ބާރުން މަޖިލީހުން ނެރުމަކީ ގޮތް ހުސްވެގެން ހެދުނު ކޮހެއް ކަމަށާއި މުޅި ދުނިޔެ މިއަދު މި ސަރުކާރަށް މަލާމަތްކުރަން ފަށައިފި ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

 

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަމާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މަޖިލީހުގެ އިދާރާއަށް ޤާނޫނާއި ޤަވާއިދާ ޙިލާފަށް ވަތް ފުލުހުންނާއި ސިފައިން އަމިއްލައަށް ވެސް މިއަދު ލަދުގަންނާނެ ކަމަށާއި މިއީ އެބޭފުޅުން ވެސް އުއްމީދުކޮށްގެން ތިބި ކަމެއް ނޫން ކަމަށެވެ.

 

ގާނޫނު އަސާސީގައި ބުނާ ގޮތުން މަޖިލިސް އިދާރާ ބެލެހެއްޓުމަކީ ފުލުހުން ކުރަން ޖެހޭކަމެއް ނޫން ކަމަށް ފާހަގަކުރައްވަމުން ފުލުހުން ކުރަން ނުޖެހޭ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އެއްވެސް މީހަކު ގަބޫލު ވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 ރައްޔިތުން މަޖިލިސް މާނަ ކުރަނީ ބޭރު ހަތަރު ފާރުގެ ގޮތުގައި ނޫން ކަމަށާއި މަޖިލީހުގެ މެންބަރުން ވެސް އޭގެ ތެރޭގައި ހިމެނޭއިރު މަޖިލީހުގައި މަސައްކަތްކުރައް ވަނީ ރައްޔިތުންގެ މަންދޫބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

 

"މިއަދު އަޅުގަނޑުމެންނަށް މި ކުރި ގޯނާ އާއި އަނިޔާއަކީ ބަލައިގެނެވޭނޭ ކަމެއް ނޫން. އެބޭފުޅުން އަމިއްލައަށް ޖެހުނު މަޅީގައި ދެން އެޅޭނީ ހުސް ޅަ އެއްޗެހި، މާދަން ވެސް އަޅުގަނޑުމެންނަށް އެތަނަށް ވަދެވޭނެ،" ނާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.  

 

އޭނާ ވިދާޅުވީ ޤާނޫނުތަކަށް ސަރުކާރުން ކިތަންމެ ވަރަކަށް ބަދަލު ގެނައި ކަމަށްވީ ނަމަވެސް ރައްޔިތުންގެ ސިކުނޑީގައި ހުރި ވިސްނުން ބަދަލުކޮށް ނުލެވޭނެ ކަމަށެވެ.

 

މަޖިލީހަކުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީގެން ތިބެން ސްޕްރީމް ކޯޓްވެސް ލަދު ގަންނަށް ޖެހޭނެ ކަމަށާއި އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަނެފައި ވިޔަސް މިކަމަށް އަވަހަށް ގޮތެއް ކަނަޑައަޅަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި މިއަދު އިދިކޮޅު ޕާލިމެންޓްރީ މެމްބަރުން މަޖިލީހަށް ވަނުމަށް ފުލުހުންނާއި ސިފައިން ވަނީ ހުރަސް އަޅާފައެވެ. މިކަމުގެ ތެރޭގައި ބައެއް މެމްބަރުންނަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް އަދި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭންޖެހިފައި ވެއެވެ. 

- ކޮމެންޓް