ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެކަމާއި ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ގެދޮރުވެރިން ޕޯޓަލް އަށް ފޯރމް ހުށައަޅާފައިވާ ފަރާތެއް، ލިސްޓްގައި ހިމެނިފައިނުވާނަމަ އެކަމުގެ ޝަކުވާ 30 ނޮވެމްބަރ ގެ 14:00 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް އެދޭކަމަށެވެ.
"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދި 21،247 ފޯމް ހުށަހަޅާފައިވެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500އަށްވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށް ހުކުރު ދުވަހު ހުވާކުރައްވާ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފިނަމަ އެ ގެންދިޔަ ހިސާބަކުން މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެކަން ފާހަގަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ އައު ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް މަޝްރޫއަކީ ގެދޮރުވެރިކުރުވުމުގެ މަޝްރޫއު ކަމަށެވެ. އެގޮތުން ގެދޮރަށް އެދި ހުށަހަޅާފައިވާ އެއްވެސް ފޯމެއް އަލުން ހުށަހަޅަންޖެހޭ ގޮތަކަށް ކަންތައްނުކުރާނެ ކަމުގެ ޔަގީންކަން އިންތިޚާބީ ރައީސް ދެއްވިއެވެ. ނަމަވެސް ކަންކަން ބައްޓަންކުރަން ބޭނުންވަނީ މިހާރަށް ވުރެ ގިނަ ރައްޔިތުންނަށް ފައިދާ ވާގޮތަށް އިންސާފުވެރިކޮށް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މާލޭ ސަރަހައްދުން އެކަނި 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.