ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 22:21
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިދިކޮޅު ލީޑަރު ޔައުރު ލަޕިޑް
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިދިކޮޅު ލީޑަރު ޔައުރު ލަޕިޑް
އަލްޖަޒީރާ
ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލުން
ނަތަންޔާހޫ މަގާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ އިދިކޮޅު ލީޑަރު ގޮވާލައްވައިފި
އިދިކޮޅު ލީޑަރު ޔައުރު ލަޕިޑް ވިދާޅުވަނީ ނަތަންޔާހޫގެ ޕާޓީން އައު ބޮޑުވަޒީރަކު އައްޔަންކުރަން ޖެހޭކަމަށް

އިސްރާއީލުގެ އަސްކަރީ ބާރުތަކުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަގުތުން އިސްތިއުފާދެއްވަން ޖެހޭކަމަށް، އެގައުމުގެ އިދިކޮޅު ލީޑަރު ޔައުރު ލަޕިޑް ވިދާޅުވެއްޖެއެވެ. ލަޕިޑް ވަނީ މަޖިލީހުގައި ނަތަންޔާހޫއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އައު ބޮޑުވަޒީރަކާއި އައު ސަރުކާރެއް ހޮވުމަށް މަގުފަހިކުރުމަށްވެސް ގޮވާލައްވާފައެވެ. އިސްރާއީލުގެ ޓީވީ ޗެނެލަކަށް ދެއްވި އިންޓަރވިއުއެއްގައި ލަޕިޑް ވަނީ، ނަތަންޔާހޫ ފެއިލްވެފައިވާ ކަމަށާއި ބޭނުންވަނީ ބަދަލެއް ކަމަށް ވިދާޅުވެފައެވެ. އަދި އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ހަމަލާދިނުމުގެ ފުރުސަތު ހަމާސްއަށް ލިބުމަކީ ނަތަންޔާހޫގެ ނާގާބިލްކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޮޑުވަޒީރެއްގެ ފަހަތުގައި، ދިގުލައިގެންދާ ކެމްޕެއިނެއްގައި ތިބުމަށް ފުރުސަތު ދެވެން ނެތްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އިސްރާއީލުގެ ބައެއް އާންމު ތަންތަނަށް އަމާޒުކޮށް ހަމާސް ޖަމާއަތުން އޮކްޓޯބަރު ހަތްވަނަ ދުވަހު ދިން ހަމަލާތަކުގެ ހަތަރު ދުވަސް ފަހުން، ހަނގުރާމައިގެ މުއްދަތަށް އިމަރޖެންސީ ސަރުކާރެއް އެކުލަވާލާކަމަށް ނަތަންޔާހޫއާއި އެހެން އިދިކޮޅު ލީޑަރެއް ކަމަށްވާ ބެނީ ގަންޓްޒް އިއުލާންކުރެއްވި ކަމަށް ވެއެވެ. ނަމަވެސް ލަޕިޑް ވަނީ އެފަދަ ސަރުކާރެއްގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.

މިއީ ނަތަންޔާހޫ އިސްތިއުފާދެއްވުމަށް ލަޕިޑް ގޮވާލެއްވި ފުރަތަމަ ފަހަރެވެ. އަދި މިއަދުގެ ހަނގުރާމައިގެ ހާލަތަކީ އަވަސް އިންތިޚާބަކަށްވެސް ތަންދޭ ހާލަތެއް ނޫންކަމަށާއި އޭގެ ބަދަލުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީން އެހެން ބޮޑުވަޒީރަކު ހޮވަން ޕާޓީތައް ގުޅިގެން އެއްބަސްވާންވީ ވަގުތުކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ހަނގުރާމައިގެ ވަގުތުގައި އިމަރޖެންސީ ސަރުކާރެކޭ ކިޔައިގެން ކަމެއް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އޮކްޓޯބަރު 7ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި 1،200އެއްހާ މީހުން މަރުވެފައިވާއިރު، ރައްދުގައި އިސްރާއީލުން ދެމުން ގެންދާ ވަރުގަދަ ބޮމުގެ އަދި މިސައިލް ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،500އެއްހާ މީހުން ވަނީ މަރުވެފައެވެ.

ޣައްޒާއަށް ބޭނުންވާ ޒަރޫރީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށްޓަކައި ހަމަލާތައް މެދުކަނޑާލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ބުދަ ދުވަހު ގަރާރެއްވެސް ފާސް ކޮށްފައެވެ. ނަމަވެސް މި ގަރާރަށް އިސްރާއީލުން ކިޔަމަންވާނެތޯ މިއީ އުފެދޭ ސުވާލެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް