ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމެންބަރެއްގެ ޕާޓީން އެމެންބަރަކު ވަކި ކުރިޔަސް، އެ މެމްބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެންބަރު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހަށް މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމުން ވަކިވި އަދި ވަކިކުރި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައި ވަނިކޮށެވެ.
ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ޕާޓީން ކަނޑާލާ ކޮންމެ މީހެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާ ނަމަ އެއީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާ ނުވީ ކަމަށް ބެލެވިދާނެ ކަމެކެވެ. އަދި އޭރުން މެމްބަރުންގެ ހައްގަށް އަރައިގަތީ ކަމަށް ވެސް ބެލެވިދާނެ ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު ލިޔުއްވާފައިވާ ގޮތުން އެ ހުކުމުގެ ދަށުން މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކޮމިޝަނުން ނިންމަން ޖެހޭނީ ވަރަށް ރަނގަޅަށް އެ ކަންކަން ބެލުމަށް ފަހު އެވެ. އެެއީ ވަރަށް ޒިންމާދާރު ކަމާ އެކު ކޮމިޝަނުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް ކަން ފާހަގަ ކުރައްވައި، ނަޝީދު ވިދާޅުވެފައިވަނީ އެއާ ކޮމިޝަނުން ޚިލާފްވާ ނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ގޮނޑި ހުސްވިތޯ ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ދާން ޖެހުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ބައި އިލެކްޝަނެއް އިއުލާން ކުރަންޖެހޭ ފަދަ ވަކި ކުރުމެއްކަން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް ބަލައިގެން އެ ކޯޓު އަމުރު ވެސް ކުރިމަތީގައި ބާއްވައިގެން ވަކިވި ކޮންމެ މެމްބަރެއްގެ މައްސަލަ ވަކިވަކިން ދިރާސާ ކޮށްގެން ކަމަށެވެ. އަދި ޕާޓީން ކަނޑާލާ ކޮންމެ މެމްބަރެއްގެ ގޮނޑިއަކީ މަޖިލިސް ގޮނޑި ހުސްވާން ޖެހޭ ފަދަ ވަކި ކުރުމަކަށް ފަހަރުގައި ނުވެދާނެކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހޮވޭ އެއްވެސް މެމްބަރަކަށް ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށާއި ހުކުމުގެ ކުރިން ނިމުނު އަދި ހިނގަން ފެށުނު ކަންކަމަށް ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ނިންމަން ޖެހޭނީ ނަޝީދު ވިދާޅުވި ގޮތުގައި ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށާއި ހަ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމީ ބަލަންވާ ވަރަށް ނުބަލާ ކަމަށެވެ.
އެގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމިއިރު އޭނާއަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން މަޖިލީހަށް އިންތިޚާބްވި މެމްބަރަކަށް ވާތީ އޭނާގެ ގޮނޑި ގެއްލެން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ނަޝީދުގެ ފާހަގަ ކުރައްވާފައިވެއެވެ.
އަދި ބާކީ ތިބި މެމްބަރުން ޕާޓީން ވަކި ކުރުމަކީ ނުވަތަ ވަކިވުމުގެ މަރުހަލާއަކީ ކޯޓުގެ ހުކުމުގެ ކުރިން ފެށިފައިވާ މަރުހަލާއެއްގެ ދަށުން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށްވާތީ އެ ހުކުމުގެ ތެރެ އަށް އެ މެމްބަރުން ނުވަންނާނެ ކަމަށް ބެލެވޭނެ ކަމަށް އެ ލިޔުއްވުމުގައިވެ އެވެ.
ނަޝީދުގެ ލިޔުއްވުމުގައިވާ ގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭނީ އެ މެމްބަރަކު މަޖިލިސް އިންތިޚާބުގައި ވާދަކުރި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ކަމަށާއި އަމިއްލަ ހައިސިއްޔަތުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރާ މެމްބަރުންނަށް އެ ހުކުމުގެ އުސޫލެއް ނުހިނގާނެ ކަމަށެވެ.
ޕީޕީއެމުން ކޮންޓްރޯލް ކުރާކަމަށް ތުހުމަތު ކުރެވޭ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނެފައިވާ ހަތަރު މެންބަރަކު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފައެވެ. އަދި އެކޯޓުން ވަނީ އެމައްސަލަ ބަލައިގެންފައެވެ.