ފުލުހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްގެން ނުގެންގުޅޭ ކަމަށް ފުލުހުން ބުނެފިއެވެ.
ވިއްސަކަށް ފުލުހުން ބަންދުކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިގެން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނުމަށް ބައެއް ފުލުހުންނާއި މަޖިލީހުގެ ސެކިއުރިޓީ ބައެއް އޮފިސަރުން ފުރިސަތުދިން ފަހުންނެވެ. ހައްޔަރުކޮށްފައި ވަނީ ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވުމަށާއި ސަރުކާރުން ސިޔާސީ ބޭނުމަށް ފުލުހުން ބޭނުން ކުރަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ފުލުހުންތަކެއް ކަމަށް އަޑުވެތުރިފައިވެ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ 20 ފުލުހަކު ހައްޔަރުކޮށްގެން އުޅޭކަމަށް މީޑިއާގައި ދެކެވޭ ވާހަކައަކީ ޙަޤީގަތެއް ނޫން ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުން މަޖިލީހަށް ވަނަނުދީ ހިފެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ރަޔަޓް ގިޔަރުގައި ތިއްބާ އެމެންބަރުން ވަނީ މަޖިލިސް ތެރެއަށް ވަދެފައެވެ. އަދި ތަޅުލާފައިވާ މަޖިލިސް ތެރެއަށް މެންބަރުންނަށް ވަދެވިފައިވާއިރު ބައެއް ފުލުހުން އެމެންބަރުން ވަނުމަށް ޖާގަ ދީފައިވާކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހަށް މެންބަރުން ވަނުމަށް އެދޭކަމަށް ބައެއް ފުލުހުން އިޝާރާތް ކޮށްފައިވާކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވުމަށް ދެކޮޅު ހަދަމުންދާއިރު ބައެއް އަމުރުތައް ތަންފީޒް ކުރުމަށްވެސް ބައެއް ފުލުހުން ފަހަށް ޖެހޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ގުރޫޕްގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް ހޯމަ ދުވަހު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަުރު މެންބަރަކު ހައްޔަރު ކުރުމަށް ފުލުހުންނަށް އަމުރު ނެރެފައިވާ ކަމަށާއި ނަމަވެސް އެއަމުރު ތަންފީޒް ކުރުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށެވެ.