ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަސްމާއީލް އީސަ އެންބުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ގުޅުނުއިރު އޭނާ އާއި އެކު ވިކްޓްރީއަށް ކުޅެމުން އައި ސީރިއާގެ ކީޕަރު މަހްމޫދް އަލް ޔޫސުފް އާއި ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭޖް ވެސް މާޒިޔާ އާއި ގުޅިއްޖެއެވެ.
އެސްޓީއޯ މާލެ ލީގުގެ ކާމިޔާބު ކުރުމަށްފަހު މާޒިޔާއިން ސްކޮޑް ވަރުގަދަ ކުރަމުން އަންނައިރު އެކުލަބުން މާލެ ލީގުގައި އެޓިމާއި އެކު ކާމިޔާބު ހޯދާފައިވާ ކިތިގިސްތާނުގެ ގޯލް ކީޕަރު ޕަވެލް މަޓިއާޝް އާއި ފޯވާޑް އެލެކްސެންޑާ ރަކިޗް ދޫކޮށްލާފައެވެ. ޖުމްލަ ހަތަރު ކުޅުންތެރިންނާއި އެކު މިފަހަރުގެ ސީޒަން މާޒިޔާއިން ފެށިއިއިރު އެޓީމުން މިހާތަނަށް ދޫކޮށްނުލާ ހަމައެކަނި ބިދޭސީ ކުޅުންތެރިއަކީ ޑިފެންޑަރު މިލޮސް ކަވަސޮވިޗް އެވެ.
ފާއިތުވި އަހަރު މާޒިޔާ އާއި އެކު ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކޮށްފައިވާ މެސީ އެންބުރި އެކުލަބާއި ގުޅިފައި މިވަނީ 3 ވަނަ ފަހަރަށެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބުން ސީނިއާ ކްލަބް ލެވެލް ފެށި މެސީ އެންމެ ފުރަތަމަ މާޒިޔާ އާއި ގުޅިފައިވަނީ 2012 ވަނަ އަހަރުއެވެ. އެފަހުން 2013 ވަނަ އަހަރު ކްލަބް ދޫކޮށްލި ނަމަވެސް އޭނާ ވަނި 2015 ވަނަ އަހަރު 2 ވަނަ ފަހަރަށް މާޒިޔާއަށް ސޮއެ ކޮށްފައެވެ. މިފަހަރުގެ ސީޒަން ފެށުނު އިރު އޭނާ ވިކްޓްރީ އާއި ގުޅުނީ ރެކޯޑް އަގަކަށެވެ.
މެސީގެ އިތުރުން މާޒިޔާ އާއު ގުޅުނު ކީޕަރު މަހްމޫދް އާއި ފޯވާޑް ކެރިޗް ވިކްޓްރީ ދޫކޮށްލާފައި މިވަނީ އެކުލަބުގެ އެތެރޭގައި ގިނަ މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެސްޓީއޯ މާލެ ލީގު ކާމިޔާބުކޮށް ދިވެހި ޕްރެމިއާ ލީގަށް ކުރިމަތިލާފައިވާ މާޒިޔާގެ އިތުރުން ޕްރެމެއާ ލީގުގައި ދެން ކުޅޭނީ މާލެ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ކޮލިފައިވި، ކްލަބް ގްރީން ސްޓރީޓާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމް ކަމަށްވާ، ޗެމްޕިއަން ދ.ކުޑަހުވަދޫ އާއި، ތިނަދުއާއި އއ. މާޅޮސް އަދި ށ. މިލަންދޫއެވެ.