ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 07:04
އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިއްފަތު
އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިއްފަތު
ރައީސް އޮފީސް
މުހިންމު ބިލުތަކެއް ނުނިމި ހުރުން
ރައްޔިތުންގެ މަޖިލީހުގައި މުހިންމު ބިލުތަކެއް ނުނިމި ހުރުމުން އޭޖީން ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބައޮތް
ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭޖީ އޮފީހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބައޮތްކަމަށެވެ.

އޭޖީ އޮފީހުން ބުނީ، މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި އޮތްކަން އޭޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އަދި އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއްގެ މަސައްކަތް ވެސް ނުނިމި އޮތްކަން ފާހަގަކޮށް އޭޖީ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ބިލުތަކަކީ ކޯޓުތައް އިސްލާހުކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ބިލުތަކެއްކަމުގައި އޭޖީއިން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އެމައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދެވިފައިނުވާއިރު އެކަމާއި ގުޅިގެން މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރިޔަކަށް ނުދެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ޚަރަދުކުރުމަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށްވެސް އެޖެންޑާކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދެވިފައިނުވެއެވެ.

- ކޮމެންޓް