ފުލުހުންގެ ސަފުތައް ފަޅާލައި ކޯޑަންގެ ތެރެއަށް ވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ހޯމަ ދުވަހު ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް އެ އިދާރާއިން ރަސްމީކޮށް އިއުލާން ކޮށްފައިވަނިކޮށް، މަޖިލީހަށް ދިއުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަން ތެރެއަށް ވަތް މައްސަލަ ބަލަމުންދާ ކަމަށެވެ.
ފުލުހުން އެގޮތަށް ބުނި ނަމަވެސް މަޖިލިސް މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމުގެ ބާރެއް ފުލުހުންނަށް އެއްވެސް ގާނޫނަކުން ލިބިދީފައެއް ނުވެއެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސް އެޅޭ އެއްވެސް ގާނޫނެއް ނެތްއިރު، މަޖިލީހުގެ ޖަލްސާއެއް ނޯންނަ ދުވަސްތަކުގައި ވެސް އަދި ރަސްމީ ވަގުތު ނޫން ވަގުތު ތަކުގައި ވެސް މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވުމުގެ ބާރު ލިބިގެން ވެއެވެ.
މީގެއިތުރުން، ފުލުހުންގެ މިބަޔާނުގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު މެމްބަރުން ކޯޑަން ތެރެއަށް ވަތް ކަމަށް ބުނި ނަމަވެސް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުގެ ފުރުސަތު ބައެއް ފުލުހުން ދިންތައް ވެސް ފެނިގެންދިޔަ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފަލުހުން ވަދެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައް ނޫން އެހެން ބޭފުޅުން މަޖިލީހަށް ވަނުމާ ގުޅިގެން އެ ފަރާތްތައް މަޖިލީހުގެ އިދާރާއިން ނެރުމަށް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ސިފައިން ރަސްމީކޮށް ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުމުން ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމަށް ސިފައިން އެދުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖިނާއީ ކުށެއް ނުކުރާ ހިނދަކު އަދި ކޯޓު އަމުރެއްނެތި މަޖިލީހުގެ އިދާރާއިން މަޖިލިސް މެމްބަރެއް ނެރުމުގެ ބާރެއް ފުލުހުންނަށް ލިބިގެން ނުވެއެވެ.
މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި ހުރިހާ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމަށް ފަހު، މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަނީ ހައްޔަރު ކުރައްވާފަ އެވެ.
މަޖިލީހުގެ މެމްބަރެއް ފުރުއްވަމުންދާ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅުމުގެ ބާރެއް އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެސް ގާނޫނުން ލިބިދީފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ތަމްސީލު ކުރައްވާ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން މެމްބަރު ވަހީދާއި މެމްބަރު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް މިހާތަނަށް ނިންމާފައެއް ނުވެއެވެ.