ސިޓްރިޒީން ސިރަޕް ރާއްޖޭގައި ވިއްކުން މަނާކޮށްފިއެވެ.
އަންގާރަ ދުވަހު އެމްއެފްޑީއޭއިން ނެރުނު އިންޒާރުގެ ބަޔާނުގައި ބުނެފައިވަނީ، ހުމާއި ރޯގާއަށް ބޭނުންކުރާ ސިޓްރިޒީން ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރުމުން، އެ ބޭސް ރާއްޖޭގައި ވިއްކުން މަނާކޮށްފައި ވާކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ހިމެނޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިންޒާރު ނެރެފައިވާކަމަށެވެ. އެގޮތުން, މި ބޭހުގައި އެކުލެވޭ ކެމިކަލް މާއްދާތަކަކީ، ޑައިއީތައިލިން ގްލައިކޯލްއާއި އިތައިލީން ގްލައިކޯލްއެވެ.
އެހެންކަމުން، މިކަމާ ގުޅިގެން ރާއްޖެއިންވެސް ރެންޑަމް ސާމްޕަލް ނަގައި ސްކްރީންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް، ރާއްޖޭގައި އެ ޓެސްޓް ހެދޭނެ ގޮތެއް ނެތުމުން، ބޭރަށް ފޮނުވައިގެން ޓެސްޓު ހަދަން ހަމަޖައްސާފައި ވާކަމަށް އެމްއެފްޑީއޭގެ އިންޒާރުގައި ވަނީ ބުނެފައެވެ.
މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޮރަޓޮރީން އުފެއްދި ސިޓްރިޒީންގެ B220 ބެޗުގައި އެ ކެމިކަލް މާއްދާ ހުރިކަން ކަށަވަރުވެފައި ވާކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން، ޓެސްޓްގެ ނަތީޖާ ލިބި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން، އެ ބްރޭންޑް އެތެރެކުރުމަށާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާކަމެއްގެ ގޮތުގައި އެމްއެފްޑީއޭއިން ވަނީ ކަނޑައަޅާފައެވެ.