ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ކުރާ ގޭގެ ތެރެއަށް ވަދެވަޑައިގެންނެވުމަށް ބައެއް ފުލުހުން ފުރުސަތު ދިނުމުންނެވެ.
ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއަށް މެމްބަރުން ވަދެވަޑައިގެންނެވުމަށް ދިމާކުރި ވަގުތު، ފާރެއްގެ ގޮތުގައި އެތުރިލައިގެން ތިބި ފުލުހުން ފުރުސަތު ދިން ކަމަށެވެ.
މެންދުރު 12:45 ހާއިރު މެމްބަރުން މ. ކުނޫޒުން ނުކުމެވަޑައިގަތުމަކީއެކު، އެ ސަރަހައްދުގެ ހުރިހާ މަގެއްގައި ފުލުހުން ޝީޑް ޖަހައި ނުދެވޭ ގޮތަށް ބަންދުކޮށްލި އެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުން، ފުލުހުންނަށް ދެމުންދިޔަ ނަސޭހަތާއެކު، އަދި އުފުލަމުންދިޔަ އަޑާއެކު، ތިރީސް ވަރަކަށް މިނެޓްފަހުން ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔަ އެވެ.
ޝީލްޑާއެކު ތިބި ފުލުހުން މެމްބަރުންނަށް ފުރުސަތު ދިނުމާއެކު، މަޖީދީ މަގުން އިރަށް ހިންގަވާފައި މެމްބަރުން ވަޑައިގެންނެވިއިރު، އެ މެމްބަރުންގެ ފަހަތުން ގިނަ އަދަދެއްގެ ރައްޔިތުން ދިޔަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުލުހުން މަޖިލީހުގެ ގޯތިތެރެއަށް ވަންނަން ދިމާކުރި ވަގުތު، ބައެއް ފުލުހުން އެކަމަށް އެއްބާރުލުން ދެއްވި ކަމަށާއި މެމްބަރުން ވަޑައިގަތުމަށް އަތުން އިޝާރަތް ވެސް ކުރި ކަމަށެވެ.
މަޖިލީހުގެ އެއްވެސް މެމްބަރަކު މަޖިލީހުގެ އިދާރާއަށް ނުވެސްދުމަށް އެމްއެންޑީއެފުން އަންގާފައިވާއިރު، މަޖިލީހުގެ ހުރިހާ ގޭޓެއް ހުރީ ތަޅުލައިފަ އެވެ.
މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ ގޮތަށް ގޭޓްތަކުގައި ތަޅުއެޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މިއަދު މެންދުރު މަޖިލީހަށް ވަޑައިގަންނަވާ ގޮތަށް ނިންމާފައިވާ ކަމަށާއި މެމްބަރުންނަށް ރައްޔިތުންގެ ތަރުހީބު ބޭނުންވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުބާރު މަސީހަށް ގެއްލި، އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާއެކު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ
މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މަޖިލީހުގައި ތަޅުއެޅުވީ ސިފައިން ކަމަށެވެ.
މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފައިވާއިރު، ޖަލްސާ ބޭއްވޭނެތޯ ސުވާލު ކުރުމުން އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވީ "ތިކަމާ އެއްޗެއް ބުނަން ނޭނގޭ" ކަމަށެވެ.