މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ތެރެއަށް ނުވަދެވިއްޖެ ނަމަ މަޖިލީސް އުވުނީ ކަމަށް ބަލާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ކުނޫޒްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެންބަރުން ބޭއްވި ބައްދަލުވުމަށް ފަހު ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ކަންކަމަށްޓަކައި މަޖިލީސް ބަންދުކުރި ނަމަވެސް މަޖިލީސް މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަަމަށެވެ. މިއަދު ހަމައެކަނި މަޖިލީހުގެ އިދާރާއަށް ވަދެވޭނީ މަޖިލީހުގެ މުވައްޒަފުންނަށް ކަަމަށް ބުނި ނަމަވެސް، މަޖިލީހުގެ މުވައްޒަފުންނަކީ މަޖިލީހުގެ މެންބަރުންގެ ހިދުމަތުގައި އިދާރީ މަސައްކަތްތައް ކުރާ ބަޔަކަށްވާއިރު މެންބަރުންނަށް ނުވަދެވި މަޖިލީހުގެ މުވައްޒަފުންނަށް ވެސް ނުވަދެވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
" މަޖިލީހުގެ މެންބަރުންނަށް ނުވަދެވުމަކީ ގާނޫނު އަސާސީގައި މަޖިލީހުގެ ބާބު އުވުނު ކަމަށް އަޅުގަނޑުމެން ބަލާނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިންނާ ވިދާޅުވީ، ހަގީގަތަކީ މަސީހުގެ އިތުބާރު ނެތްކަން ވާރަށް ސާފުކޮށް ސާބިތުވެފައިވާ ކަމަށާއި ހަމައެކަނި އެކަމުގައި ކުރަންޖެހޭނެ ކަމަކީ އިދާރީ ގޮތުން ނަގަންޖެހޭ ވޯޓު ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުﷲ މަސީހާއި ނައިބު ރައީސް ރީކޯ މޫސާ މަނިކު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރޮޒެއިނާ ވަނީ މަޖިލީހުގެ ރައީސްގެ ނަމުގައި މަޖިލީހުގެ މެންބަރުންނަށް މެސެޖު ކުރުން ހުއްޓުމަށް ގޮވާލާއި، މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ އަމީންއާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރުމަށް ރޮޒެއިނާ ގޮވާލެއްވި އެވެ.
ރޮޒެއިނާ ވިދާޅުވީ، މަޖިލީހަށް ވަނުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށާއި، ހުރަސް އަޅާ ފަރާތްތަކުގެ ފޮޓޯ ވެސް މިއަދު ނަގާނެ ކަމަށެވެ. އަދި އެފަރާތްތަކަށް ގާނޫނުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްވެސް ބަޔަކު މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް ނޭޅުމަށް ރޮޒެއިނާ ގޮވާލެއްވި އެވެ.