މަޖިލީހުގެ މެމްބަރުންނަށް މިއަދު މަޖިލީހުގެ އިދާރާއަށް ނުވެއްދުމަށް، މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިޝަލުންނަށް އަންގައިފި އެވެ.
މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މަޖިލީހުގެ އެއްވެސް މެމްބަރަކު މިއަދު މަޖިލީހުގެ އިދާރާއަށް ނުވެއްދުމަށް ވަނީ އަންގައިފަ އެވެ. ނަމަވެސް އެކަން އެންގީ ކޮން ފަރާތަކުން ކަމެއް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އޮފިޝަލުން ވިދާޅެއް ނުވެ އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ ތަޅުއެޅުވީ ސިފައިންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން އާންމުގެ ބަހެއް އަދި އެމްއެންޑީއެފްގެ ބަހެއް ވެސް ނުލިބެ އެވެ.
މިވަގުތު މަޖިލިހަށް މުވައްޒަފުން ވެސް ވައްދަނީ ސްޓާފް އައިޑީ ކާޑު ޗެކްކުރުމަށް ފަހު އެވެ.
މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް މެމްބަރުންނަށް ނުވަދެވޭ ގޮތަށް މަޖިލީހުގައި ތަޅުއެޅުވި ފުރަތަމަ ފަހަރެވެ.
މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ ގޮތަށް ހަމަމިޖެއްސީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މިއަދު މެންދުރު މަޖިލީހަށް ވަޑައިގަންނަވާ ގޮތަށް ނިންމާފައިވާ ކަމަށާއި މެމްބަރުންނަށް ރައްޔިތުންގެ ތަރުހީބު ބޭނުންވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުބާރު މަސީހަށް ގެއްލި، އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާއެކު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ.
އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެ އެވެ. ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމާމެދު ހިލާފެއް އުފެދިއްޖެ ނަމަ އެ ގޮނޑިއެއް ގެއްލިއްޖެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.