Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 21:51
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް، މުސާ މަނިކު (ރީކޯ މޫސަ)
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް، މުސާ މަނިކު (ރީކޯ މޫސަ)
މުހައްމަދު ޝަރުހާން
ރީކޯ މޫސަ
ރީކޯ މޫސަގެ މެންބަރުކަމުގެ ސައްޚަކަމާމެދު ސުވާލު އުފެދިއްޖެ!
ސުޕްރީމް ކޯޓުގެ ޙުކުމް ނެރުނީ ޖުލައި 13 ވަނަ ދުވަހުގެރޭ
ޖުލައި 14 ވަނަ ދުވަހުގެރެއާއި ހަމައަށް ޕީޕީއެމްގެ ދަފްތަރުގައި މޫސަ ހިމަނާފައެއް ނުވޭ
ދަފްތަރަށް އައި ބަދަލާއި ގުޅިގެން 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ

އިލެކްޝަން ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް، މުސާ މަނިކު (ރީކޯ މޫސަ) ގެ މަޤާމުގެ ސައްޚަކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

މޫސަގެ މެންބަރުކަމުގެ ސައްޚަކަމާއިމެދު ސުވާލު އުފެދިފައިވަނީ އިލެކްޝަން ކޮމިޝަނުން، މޫސަގެ ނަން ވެރިކަންކުރާ ޕީޕީއެމްގެ ދަފްތަރުގައި ހިމެނުމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމާއި ގުޅޭގޮތުން ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާއި ގުޅިގެން، 13 ޖުލައިގައި ނެރެފައިވާ ޙުކުމާއި، 16 ޖުލައިގައި އެ ކޯޓުން އެ ޙުކުމް ތަފްޞީލްކޮށްދީ ނެރުނު އަމުރަށް ރިއާޔަތްކޮށް، އިލެކްޝަން ކޮމިޝަނުން ވަނީ ޙުކުމަށްފަހު ވެރިކަންކުރާ ޕީޕީއެމްގެ ދަފްތަރުން ނަން އުނިކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނެ އެ ދާއިރާތަކުގައި ބައިއިލެކްޝަން އިޢުލާނުކޮށްފައެވެ.

މޫސަގެ މެންބަރުކަމުގެ ސައްޚަ ކަމާއިމެދު ސުވާލު އުފެދިފައި މިވަނީ، އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ޙުކުމަށް ރިޢާޔަތްކުރި އުސޫލުން ބަލާއިރު، ސުޕްރީމް ކޯޓުގެ ޙުކުމުގެ ފަހުން، އިންތިޚާބުވި ޕާޓީ ނޫން ޕާޓީ ނޫން ޕާޓީއެއްގެ ދަފްތަރުގައި ހިމެނުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހަށް މޫސަ އިންތިޚާބު ވެފައިވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ މުސްތަޝާރު، އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހާޒިރުގައި، މޫސަ އެ ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ޙުކުމުގެ ކުރިން، 11 ޖުލައި 2017 ވަނަ ދުވަހުގެރެއެވެ.

އެރޭ މޫސަ ޕީޕީއެމްއަށް ސޮއި ކުރި ނަމަވެސް، ޖުލައި 13 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުގެ ޙުކުމް ނެރުނުތާ 24 ގަޑިއިރު ވެގެން ދިޔައިރުވެސް މޫސަ ޕީޕިއެމްގެ ދަފްތަރުގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން، އިލެކްޝަން ކޮމިޝަންގެ ދަފްތަރުން ދައްކާގޮތުން ޖުލައި 14 ވަނަ ދުވަހުގެރޭ 21:25 ވީއިރުވެސް ޕީޕިއެމްގެ ދަފްތަރުގައި މުސަ ހިމަނާފައެއް ނުވެއެވެ.

އޭގެ ފަހުން އިލެކްޝަން ކޮމިޝަންގެ ދަފްތަރު ސިސްޓަމްގައި މައްސަލަތަކެއް ދިމާވެ، ދަފްތަރު ނުބެލި އިރުތަކެއް ވުމަށްފަހު، މިހާރު ފެންނަގޮތުން މޫސަ ވަނީ ޕީޕީއެމްގެ ދަފްތަރުގައި ހިމަނާފައެވެ.

ކަން މިގޮތަށް ހިނގާފައިވާއިރު، ތުލުސްދޫ ދާއިރާގެ މެންބަރު ވަޙިދު ޕީޕީއެމްއިން ވަކިކޮށްފައިވަނީ މިދިޔަ މާރޗު މަހު 28 ވަނަ ދުވަހުއެވެ. އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު ޕީޕީއެމުން ވަކިކޮށްފައިވަނީ މާރޗު މަހުގެ 29 ދުވަހުއެވެ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޕީޕިއެމުން ވަކިކޮށްފައިވަނީ މިދިއަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

ނަމަވެސް މި ބޭފުޅުން ޕީޕީއެމްގެ ދަފްތަރުން ވަކިކުރީ ސުޕްރީމް ކޯޓުގެ ޙުކުމުގެ ފަހުން ޖުލައި 18 ވަނަ ދުވަހު ކަމަށްބުނެ، އިލެކްޝަން ކޮމިޝަނުން ވަނީ އެބޭފުޅުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބުނެފައެވެ.

މި އުސޫލުން ބަލާނަމަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ ގޮދިވެސް ގެއްލިފައިވާއިރު، މި ކަމާއި ގުޅިގެން އިލެކްޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެތެރޭގައި މެންބަރަކު އިންތިޚާބް ކުރަންވާނެ ކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިޚާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބް ކޮށްގެންނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 22:04
އަރާ
ޔާމީނު ކާރީބުނޭރަށަސޭ