ބްރޯޑްކާސްޓިންގ ކޮމިޝަނުން މުޒާހަރާތައް ލައިވް ކުރާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުމުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އުނިކަން ލިބޭ ކަމަށާއި އެ އެންގުން އަނބުރާ ގެންދިއުމަށް ރާއްޖެޓީވީން ގޮވާލައްވައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަރކިއުލާއާއި ގުޅިގެން ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބްރޮޑްކޮމް އިން ސަރކިއުލާގެ ސަބަބުން، ގާނޫނުގެ 2 ވަނަ މާއްދާގައި ބުނާ ހަގީގީ މައުލޫމާތު ލިބި ދެނިވި ޕްރޮގްރާމްތައް ފޮނުވުމަށް ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކޮށްފައި އޮންނަ އޮތުމަށް ހުރަސް އެޅޭ ކަމެކެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ޚަބަރާއި ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއެކު ގެނެސްދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމް ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަބަރާއި މަޢުލޫމާތު ފެތުރުމުގައި ތަފާތު ބާވަތުގެ ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް، ފުރުސަތު ލިބޭނެގޮތް އޮންނަންވާނެ ކަމަށް ބްރޯޑްކާސްޓިންގ ގާނޫނުގައި ބުނެފައިވުމާއެކު ކޮމިޝަންގެ އެންގުމުގެ ސަބަބުން މިކަންކަން ކަމަށް ހުރަސް އެޅޭ ކަަމަށް ރާއްޖެޓީވީން ބުނެ އެވެ.
ރާއްޖެޓީވީން ވަނީ 2012 ވަަނަ އަހަރުގެ ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާދިޔަ ކަންކަން ރާއްޖޭގެ ޓީވީތަކުންނާއި ރޭޑިޔޯތަކުން ބްރޯޑްކާސްޓް ކުރިކަން ފާހަގަކޮށް އޭރުވެވެސް ބްރޯޑްކާސްޓިންގ ކޮމިޝަނެއް ވުޖޫދުގައި އޮތް ކަން ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް އޭރު އެފަދަ އެއްވެސް ހުރަހެއް ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުން ނާޅާކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަން އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ހައްގައް ސީދާ ގޮތެއްގައި އަރައިގަނެ، އެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ، ބްރޯޑްކާސްޓަރުން ބިރު ދެއްކުމަށް އެންގި އެންގުމެއް ކަމަށް ރާއްޖޭޓީވީން ވަނީ ސިފަކޮށްފަ އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެ އެވެ.
ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކޮށްދީ، ކޮމިޝަނުން ރުހޭ ކަމެއް ނަމަ އެއީ އާއްމު އިޖްތިމާއީ މިންގަނޑުތަކާއި، ގާނޫނާ ޚިލާފް ކަމެއް ނަމަވެސް އެކަމެއް ކުރާ ބަޔަކަށް ހިތްވަރުދީ، ހިމާޔަތް ދިނުމުގައި މިހާރުގެ ބްރޮޑްކާސްޓިން ކޮމިޝަނުން އަމަލުތަކުން ހާމަވާކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ތަކުރާރުކޮށް ޓާގެޓް ކޮށްގެން މިނިވަންކަމާއެކު މަސައްކަތް ކުރާ ބްރޯޑްކާސްޓަރުންނަށް ދަތިކޮށް މިނިވަން ނޫސްވެރިކަން ނައްތާލުމަށް މަސައްކަތް ކުރާ މުއައްސަސާއެއް ކަމަށްވެސް ރާއްޖެޓީވީން ބުނެ އެެވެ.
ގާނޫނާ ޚިލާފަށް ހިނގާ ކަމެއް ކަމުގައި ވިޔަސް އަދި ގާނޫނާ އެއްގޮތައް ހިނގާ ކަމެއް ކަމުގައިވިޔަސް ހިނގާ ކަމެއްގެ ތެދު މައުލޫމާތު ގެނެސް ނުދެވޭނަމަ ބްރޯޑްކާސްޓަރުންގެ ބޭނުމަކީ ކޮބާތޯ ރާއްޖެޓީވީން ވަނީ ސުވާލު އުފައްދާފަ އެވެ.
ރައްޔިތުންނާ ހަމައަށް ކަންކަން ގެނެސްދިނުމުގައި ހަމައެކަނި ގާނޫނާ އެއްގޮތައް ހިނގާ ކަންކަން ގެނެސްދޭ އުސޫލަކީ ބްރޯޑްކާސްޓިންގެ ދާއިރާ ދަންނަ އުސޫލެއް ނޫން ކަމަށާއި އެ ގޮތަކީ ނޫސްވެރިކަމުގެ މިނިވަންކަން ދަންނަ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ބްރޯޑްކާސްޓަރުންގެ ޒިންމާއަކީ ހިނގާ ކަމެއްގެ ތެދު މައުލޫމާތު ގެނެސްދިނުން ކަމަށާއި އެކަމުގައި ގާނޫނާ ހިލާފް ކަމެއް އޮތްނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ އެހެން ބައެއްގެ ޒިންމާއް ކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ނޫސްވެރީންނަށް ލިބިދީފައި އޮތް ހައްގު ބިރުވެރިކަމެއް ނެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނޭ ފަދަ މާހައުލެއް ދެމެހެއްޓުމުގެ ބަދަލުގައި މިފަދަ އެންގުންތަކުގެ ސަބަބުން ބްރޯޑްކާސްޓަރުންގެ ހައްގުތައް ގެއްލޭ ކަމަށް ރާއްޖެޓީވީން ބުނެ އެވެ. އަދި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މިފަދަ ނިންމުންތަކުގެ ސަބަބުން، ބުރަ މަސައްކަތާއެކު ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އެތައް ގުނަޔަކުން ފަހަތައް ޖެހޭ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.