ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 05:29
ޣައްޒާ
ޣައްޒާ
ރޮއިޓަރސް
އިސްރާއީލާ ހަމާސްގެ ހަނގުރާމަ
އިސްރާއީލާ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ބަދަލުކޮށްފި
ބޯޑަރު ސަރަހައްދުގައި ތިން ދިމާލެއްގައި ހަމަލާތައް ވަރުގަދަ އަށް ކުރިޔަށްދޭ
އިސްރާއީލުގެ ބައެއް ޓޭންކަރުތައް ޣައްޒާ ތެރެއަށް ވަދެފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނޭ
ހަމާސް އިން ބުނެފައިވަނީ އިސްރާއީލު ސިފައިން އެކި ސަރަހައްދުތަކުން ޣައްޒާގެ ބޯޑަރާއި ކައިރިވަމުން އަންނަކަމަށް

ހަމާސްގެ އަލް ޤައްސާމް ބްރިގޭޑް އާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ކުރަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ބުނެފައިވެއެވެ. ހަމާސްއާ ހަވާލާދީ ބުނެފައިވަނީ ބޯޑަރު ސަރަހައްދުގައި ތިން ދިމާލެއްގައި ހަމަލާތައް ކުރިޔަށްދާކަމަށެވެ. އެއީ އިރުމަތީ ސަރަހައްދާއި ޣައްޒާ ސިޓީގެ އިރުމައްޗާއި ޣައްޒާ ސްޓްރިޕްގެ އުތުރު ސަރަހައްދެވެ. ހަމަލާތައް ވަރަށް ވަރުގަދަކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. ހަމާސް އިން ބުނެފައިވަނީ އިސްރާއީލު ސިފައިން އެކި ސަރަހައްދުތަކުން ޣައްޒާގެ ބޯޑަރާއި ކައިރިވަމުން އަންނަކަމަށެވެ.

އިސްރާއީލުން ޣައްޒާގެ އެތެރެއަށް ވަދެގަތުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުކޮށްލުމަށް ހަމާސްގެ އަލް ޤައްސާމް ބްރިގޭޑާއި ފަލަސްތީނުގެ ހުރިހާ ފައުޖުތައް އޮތީ ތައްޔާރަށްކަމަށް ހަމާސްގެ ސިޔާސީ އޮފިޝަލެއް ކަމުގައިވާ އިއްޒަތު އަލް-ރާޝިގް ވަނީ ބުނެފައެވެ. އިއްޒަތު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ އަސްކަރީ ގޮފި އޮތީ އިސްރާއީލުގެ ހަމަލާތަކަށް ރައްދުދިނުމަށް ވަރުގަދަ އަށް ތައްޔާރުވެގެންނެވެ. އަދި ނަތަންޔާހޫ އާއި އޭނާގެ ފައުޖުތަކަށް އެމީހުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުނުވާނެކަމަށްވެސް ބުނެފައިވެއެވެ.

އަދި އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާދެމުންދާއިރު ފޯނާއި އިންޓަރނެޓްގެ ޚިދުމަތް މެދެކނޑާލާ، ފެނާއި ކާނާއި ތެޔޮ އެތެރެކުރުން ހުއްޓުވާފައި އޮތްއޮތުމަކީ ހުޅަނގުން ވާގިވެރިވެގެން އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާކަމަށްވެސް ބުނެފައިވެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ބައެއް ޓޭންކަރުތައް ޣައްޒާ ތެރެއަށް ވަދެފައިވާކަމަށް ނިއު ޔޯރކްޓައިމްސް އާ ވާހަކަދައްކަމުން އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްމަން ވަނީ ބުނެފައެވެ.

ހަމަލާތައް ހުކުރު ދުވަހުގެ ރޭ ވަރުގަދަކޮށްފައިވާއިރު އިސްރާއީލުގެ އަސްކަރިއްޔާގެ ފައުޖުތައް ޣައްޒާއަށް އެއްގަމު މަގުން ވަދެފައިވާކަމަށް އިސްރާއީލުން ބުނިނަމަވެސް މިއީ އެއްގަމު މަގުން އެރުމަށް އިސްރާއީލުން ހިންގާ އޮޕަރޭޝަންގެ ފެށުންކަމަށް ސްޕޯކްސްމަން ނުބުނާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއު ޔޯރކް ޓައިމްސް ގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިންގެ ފައުޖުތަކާއި ޓޭންކުތައް އިއްޔެއިން ފެށިގެން ޣައްޒާގެ އެތެރޭގައި ތިބިކަމަށެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަވެފައިވާއިރު އިސްރާއީލުގެ ދެކުނުގައި އޮންނަ ސިޓީއެއްކަމުގައިވާ އެޝްކެލޮން އަށް އަމާޒުކޮށް އަންނަ ރޮކެޓް ހަމާލަތަކުގެ ސަބަބުން ސައިރަންގެ އަޑު ގަދަވެފައިވާކަމަށް އެސިޓީގައި ހުންނަ ބީބީސީގެ ރިޕޯޓަރ ވަނީ ބުނެފައެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެހެން ރޭ ތަކާއި ޚިލާފަށް މިރޭ އެޝްކެލޮން އިން ހަނގުރާމަ މަތީ ބޯޓުތައް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެޝްކެލޮންގެ ހޮޓެލެއްގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އެތަނުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެއެވެ.

- ކޮމެންޓް