ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާމެދު އެއްޗެއް ނުބުނެވި ލަސްވަނީ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދާ ނުނިމޭތީ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރސީއެމް) އިން ބުނެފައިވާ ކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.
އަދީބުގެ އާއިލާއިން މިހެން ބުނެފައިވަނީ އަދީބުގެ އާއިލާއިން އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް އެކޮމިޝަނަށް ގުޅުމުން ދެއްވި ޖަވާބަށް ރިއާޔަތްކޮށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުންނެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އަދީބުގެ އާއިލާއިން ބުނީ އެޗްއާރސީއެމަށް ހުށަހެޅިފައިވާ މައްސަލަ ލަސްވަނީ ރެޕޯޓާ ގުޅިގެން މައުލޫމާތު ސާފުކުރަން ޖެހޭ އިދާރާތަކުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ ކަމަށް އެކޮމިޝަންއިން މައުލޫމާތު ސާފުކުރުމަށް ގުޅުމުން އެކޮމިޝަނުން ވިދާޅުވި ކަމަށެވެ.
އަދީބުގެ އާއިލާއިން ބުނީ އަދީބުގެ ފުރާނައަށް ނުރައްކާވާ ވަރަށް އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައިވާއިރު އެކަމާ ގުޅޭގޮތުން ރިޕޯޓް ނެރުން ލަސްވެ ޖަވާބެއް ނުދީ ވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެކަންބޮޑުވުން އެޗްއާރސީއެމާ ހިއްސާކޮށްފައިވާކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.
ރިޕޯޓް ނެރެން އަދި ކިހާ ދުވަހެއް ވެދާނެތޯ ސުވާލު ކުރުމުން ސީދާ ކަނޑައެޅިގެން ވަކި ދުވަހެއް އެޗްއާރްސީއެމަށް ބުނެދެވިފައި ނުވާކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަދީބުގެ އާއިލާއިން ވަނީ ބުނެފަ އެވެ. ޚާއްޞަކޮށް އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި އަދީބުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވާކަން ފާހަގަ ކޮށްލެވެއެވެ. ޑޮކްޓަރުން ވިދާޅުވެފައިވަނީ އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ބޭނުންވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބު ބޭރަށް ނުފޮނުވާނެ ކަމަށެވެ. އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.