ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ބުދަ ދުވަހު އަމުރު ނެރުނު މައްސަލައާއި ބަންދުގެ މުއްދަތު އިތުރު ކުރަން ކުރި ހުކުމް ބާތިލް ކުރުމަށް ހައި ކޯޓްގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހާޅާފައިވަނީ އާދިއްތަ ދުވަހު އެވެ. ފާރިސް ހައްޔަރުކޮށް ބަހައްޓާފައި ހުރީ ވެސް ގާނޫނު ހުއްދަ ކުރާ ތަނެއްގައި ނޫން ކަމަށް އޭނާގެ ގާނޫނީ ޓީމުން ގެންދަނީ ވިދާޅުވަމުންނެވެ. އެގޮތުން ފާރިސް ހައްޔަރުކޮށްގެން ދޫނިދޫގައި ބެހެއްޓުމަށްފަހު ފަހުން މާފުއްޓަށް ބަދަލު ކުރުމަށްފަހު އަލުން ދޫނިދޫއަށް ވަނީ ބަދަލުކޮށްފަ އެވެ.
ފާރިސް ހައްޔަރުގައި ބެހައްޓަން ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނާއިރު ދައުލައުލަތުން ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ ސިއްރު ހެއްކެއް ކަމަށްވެފައި އެ ހެއްކަށް ނުފޫޒު ފޯރުވާނީ ކިހިނެތްތޯ ފާރިސްގެ ފަރާތުން ދިފާއީ ވަކީލުން ވަނީ ސުވާލު އުފައްދަވާފަ އެވެ. މީގެ އިތުރުން ފާރިސް ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައި ވަނީ ވެސް އަދި އެ އަމުރު ނެރެ، ތަންފީޒު ކޮށްފައި ވަނީ ވެސް މަޖިލިސް ގަވައިދާ ހިލާފަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުންވެސް ފާރިސްގެ ދިފާއީ ވަކީލް މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިސް ސިއްރުން ކުރިއަށް ގެންދިއުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އެފަދަ މަޖިލިސްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެން ކަމަށެވެ. އަދި އެހެންމެ ފާރިސް ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކޮށްފައި ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި 45 މާއްދާގައި ބަޔާން ކުރާގޮތުން ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫނަސް މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަލަށް ގެންދަންވާނެ ކަމަށާއި، އެހެން ނަމަވެސް އަހަމަދު ފާރިސް ދިރިއުޅުއްވާ ގެއިން އޭނާ ހައްޔަރު ކޮށްގެން ގެންދެވީ ސީދާ ދޫނިދޫއަށް ކަމުން މާލޭގެ އެއްވެސް ޕޮލިސް ސްޓޭޝަނަށް ގެންދަވާފައެއް ނުވާ ކަމަށް ވަކީލުން ފާހަގަކުރިއެވެ.