ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 06:04
ޣައްޒާގައި މަރުތައް އިތުރުވެ، ޖަނާޒާތައް ގިނަވަނީ
ޣައްޒާގައި މަރުތައް އިތުރުވެ، ޖަނާޒާތައް ގިނަވަނީ
ރޮއިޓާސް
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 6000ން މައްޗަށް
ފުރާނަ ގެއްލިގެންދިޔަ މީހުންގެ ތެރޭގައި 2704 ކުޑަކުދިންނާއި 1584 އަންހެނުން ހިމެނޭ

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 6000ން މައްޗަށް އަރައިފިއެވެ.

އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޣައްޒާއިން 6546 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު އޭގެތެރޭގައި 2704 ކުޑަކުދިން ހިމެނެއެވެ. އަދި 1584 އަންހެނުން ހިމެނެއެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި އެކި ވަރުގެ އަނިޔާ ލިބިފައިވާ މީހުންގެ އަދަދު ވަނީ 17،439ށް އަރާފައެވެ. އޭގެތެރޭގައި 2000 ކުޑަކުދިންނާއި 1400 އަންހެނުން ހިމެނެއެވެ.

ޣައްޒާގެ އިމާރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންދާއިރު އިމާރާތްތަކުގެ ދަށުގައި އަދިވެސް 1500ށް ވުރެ ގިނަ މީހުން ވާކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެއެވެ. މީގެތެރޭގައި 830 ކުޑަކުދިން ހިމެނެއެވެ.

މީގެއިތުރުން ހުޅަނގު އައްސޭރިއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 103 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު އޭގެތެރޭގައި 30 ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. އަދި ހުޅަނގު އައްސޭރިން ޒަޚަމްވި މީހުންގެ އަދަދު ވަނީ 1828ށް އަރާފައެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ހުރީ 1405 ގައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ހުރީ 5431ގައެވެ. ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލުގެ 218 މީހުން އެބަތިއްބެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު ސިއްހީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް 72 ހަމަލާއެއް ފޮނުވާލާފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އަދި މިހަމަލާތަކުގައި ސިއްހީ ހިދުމަތްދޭ 34 ތަނެއް ހަލާކުވެފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

- ކޮމެންޓް