Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 15:44
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ!
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ!
މުހައްމަދު ޝަރުހާން
ގޮނޑި ގެއްލުވާލުން
ބައި އިލެކްޝަން އިޢުލާނުކުރި މައްސަލަ ސުޕްރީމް ކޯޓުން އަދި ބަލައެއްނުގަނޭ!
މިހާތަނަށް 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ބުނެފަ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށްބުނެ، އިލެކްޝަން ކޮމިޝަނުން އެ ދާއިރާތަކުގެ ބައިއިލެކްޝަން އިޢުލާނުކުރުމާ ގުޅިގެން ގޮނޑި ގެއްލުނު ކަމަށް ބުނާ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިގަތުމާއި މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައިލަތުމާ މެދު ގޮތެއް ނިންމާފައި ވޭތޯ ބެލުމަށް އާދީއްތަ ދުވަހު ވަކީލުންނާ އެކު އެ ބޭފުޅުން ކޯޓަށް ވަޑައިގެންނެވުމުން ކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ފަނޑިޔާރުން އަދި ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ.

"އަދި އަޅުގަނޑުމެންނަށް ސުޕްރީމް ކޯޓުން އަޅުގަނޑުމެން ހުށަހެޅި މައްސަލައާ ގުޅިގެން ވަކި ޖަވާބެއް ނުލިބޭކަން. އެބޭފުޅުން އަޅުގަނޑުމެން މިއަދު މަޢުލޫމާތު ސާފުކުރަން އައިމަ ވިދާޅުވި އަދި މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމަވާ ކަމަށް. ނިންމިހާ އަވަހަކަށް އަޅުގަނޑުމެންނަށް އެއްޗެއް އަންގާނެ ކަމަށް،" މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ޤާނޫނީ ވަކީލް ހިސާން ހުޞައިން ވިދާޅުވިއެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެންބަރުންގެ ފަރާތުން ވަކިވަކިން އެ މައްސަލަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުގެ ރިސެޕްޝަނުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ހަތަރު ބޭފުޅުން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، އީސީން ނިންމި ނިންމުން ބާތިލުކޮށްދީ، އެ ދާއިރާތަކުގެ ގޮނޑި ހުސްނުވާ ކަމަށް ނިންމައިދިނުމަށާއި، އިޢުލާނުކޮށްފައިވާ ބައި-އިލެކްޝަން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ހޯދައިދިނުމަށެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު، ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، އެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެފައިވާ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށާއި، ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ގޮންޖައްސަވައި ކަމަށެވެ.

ވައްޑެ ވިދާޅުވީ ވީހާ ވެސް އަވަހަކަށް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، އަޑުއެހުންތައް ވީހާ ވެސް އަވަހަކަށް ބާއްވައިދެއްވައި، މައްސަލައިގައި ނިޔާ ކަނޑައަޅުއްވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު މުޙައްމަދު އަމީތު ވިދާޅުވީ މައްސަލައިގައި ވަރަށް އަވަހަށް އިންސާފު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި މައްސަލައަކީ ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުގެ އިތުރުން 5000 ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން، ސައުދު ޙުސައިން ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ނިންމުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ނިންމުމެއް ކަމަށާ، މުއައްސަސާތަކުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފުވުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރު ކަމުން ވަކިވުމުގެ ސބަަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަން ވާނެ ކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިޚާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބް ކޮށްގެންނުވާނެ ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް