މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑޭވިޑް ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ އެ ކްލަބުން ކަމަށް ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރެއާލްއާ ދެކޮޅަށް ޔުނައިޓެޑު ނިކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން ކަމަށާއި، އެކަން ކަށަވަރުކޮށްދޭ ކަމަށެވެ.
އެގޮތުން މޮރީނިއޯ ބުނީ މި ދަނޑިވަޅުގައި ޑެހެއާ އަށްވެސް ކްލަބް ދޫކޮށް ދިއުން ފަސޭހަ ނުވާނެ ކަމަށާއި، ޑެހެއާ އަކީ ވަރަށް ތެދުވެރި ކުޅުންތެރިޔެއް ކަމަށެވެ.
އެހެންނަމަވެސް މޮރީނިއޯ ބުނީ ޓީމު ދޫކޮށް ކުޅުންތެރިޔަކު ދާނަމަ އެ ކުޅުންތެރިޔަކު ހިފަހައްޓަން އޭނާ މަސައްކަތް ނުކުރާނެ ކަމަށާއި، އެ ކުޅުންތެރިން ދޫނުކޮށް ހިފަހައްޓައިފި ނަމަ ބޭނުންވާ ވަރަށް އެ ކުޅުންތެރިންގެ ފަރާތުން ޕާފޯމެންސެއް ނުފެންނާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ ޑެހެއާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ކުރިޔަށް އޮތް ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެޓްލެޓިކޯ މެޑްރިޑުން ކެރިޔަރު ފެށި ޑެހެއާ ވަނީ އެޓީމަށް 84 މެޗު ކުޅެފައެވެ. އޭނާ އެ ކްލަބް ދޫކޮށްލުމަށްފަހު ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 269 މެޗު ކުޅެފައެވެ.
އެޓްލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕާކަޕް ކާމިޔާބުކޮށްފައިވާ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް، ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިންފަހަރު ކާމިޔާބުކޮށްފައެވެ.
ސްޕެއިން ގައުމީ ޓީމަށް 21 މެޗު ކުޅެދީފައިވާ ޑެހެއާ ވަނީ އެޓީމާއެކު 17 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައެވެ.