އެންމެ އަވަހަށް ވެސް ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިނިވަން ދުވަހުގެ ހާއްސަ ޕްރޮގްރާމްތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށެވެ.
އެހެންކަމުން މިމަހުގެ 31 ވަނަ ދުވަހާހަމައަށް މަޖިލީހުގެ ޖަލްސާއެއް އަދި މަޖިލީހުގެ ކޮމެޓީއެއް ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ހަވާލާދެއްވައި މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި މިވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް މޫސާމަނިކު ސޮއި ކުރައްވާ ނެރުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މިހާރު ބާތިލް ވެފައިވާ މައްސަލައެއް ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލް މައްސަލައެއް ކަމަށް ނިންމާފައިވަނީ ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިކުރުމާއި ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި އެ މެމްބަރުން މަޖިލީހުގައި އަދާކުރައްވާ ގޮނޑި ގެއްލިއްޖެ ކަމަށް ބުނުމާއި ގުޅިގެންނެވެ.
ނަމަވެސް މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ކަނޑައެޅުމުގެ ބާރެއް ގާނޫނުން ލިބިފައެއް ނުވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނަމުންދަނީ މިމައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ޝަރުއީ ކޯޓުތަކަށް ސަރުކާރުން ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިއަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފެށި ނަމަވެސް މިއަދާ ހަމައަށް ބޭއްވިފައިވަނީ އެންމެ އަށް ޖަލްސާއެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ކަމަށްވާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޭއްވިފައި ވަނީ އެންމެ 14 ޖަލްސާއެވެ.