ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 22:08
ޣައްޒާގައި މަރުތައް އިތުރުވެ، ޖަނާޒާތައް ގިނަވަނީ
ޣައްޒާގައި މަރުތައް އިތުރުވެ، ޖަނާޒާތައް ގިނަވަނީ
ރޮއިޓާސް
ފަލަސްތީނަށް އިސްރާއީލަށް ދެމުންދާ ހަމަލާތައް
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 5000ން މައްޗަށް
މިހާތަނަށް އައިއިރު 2055 ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ އަންހެނުންގެ އަދަދު ވަނީ 1119ށް އަރާފައި

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނަށް ހަމަލާދޭން ފެށިފަހުން ފަލަސްތީނުން ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 5087ށް އަރާފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މީގެތެރެއިން 40 އިންސައްތައަކީ ކުޑަކުދިންކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާތަނަށް އައިއިރު 2055 ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ އަންހެނުންގެ އަދަދު ވަނީ 1119ށް އަރާފައެވެ. މިހަމަލާތަކުގައި މަދުވެގެން ޣައްްޒާއިން 15،273 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާއިރު އޭގެތެރޭގައި 2000 ކުޑަކުދިންނާއި 1400 އަންހެނުން ހިމެނެއެވެ.

ފާއިތުވެގެންމިދާ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ފަލަސްތީނަށް އަމާޒުކޮށް ވައިގެ މަގުން 300 ހަމަލާ ދީފައިވާއިރު މިހަމަލާތަކުގައި 400ށް ވުރެ ގިނަ މީހުންގެ ފުރާނަ ފާއިތުވި 24 ގަޑިއިރު ތެރޭގައި ގެއްލިފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާގެ އާންމުން ދިރިއުޅޭ އެތައް ހާސް ގެޔެއް ބިމާ ހަމަވެފައިވާއިރު ރަފަހް ބޯޑަރު ސަރަހައްދުން ޣައްޒާއަށް ކޮންމެސް ވަރަކަށް އެހީ ސާމާނު މިހާރު ވަނީ އެތެރެކުރެވިފައެވެ.

އަނެއްކޮޅުން ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1400 މީހުން މަރުވެފައިވާކަމަށް އިސްރާއީލު އޮފިޝަލުން ބުނެއެވެ. އަދި ޣައްޒާގައި ހުންނަ ހަމާސްގެ 320 އަސްކަރީ ތަނަކަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

- ކޮމެންޓް