އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2023 ގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ޓްރެކްއެން ފީލްޑް އެސޯސިއޭޝަންގެ އިބްރާހިމް ނާހިލް އަދި އެންމެ މޮޅު އަންހެން އެތްލީޓަކަށް ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު ހޮވިއްޖެއެވެ.
މުބާރާތުން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވިފައިވާ ނާހިލް ވަނީ 100މ، 200މ ލޯންގް ޖަމްޕް ރަން މެޑެލް ހޯދާފަ އެވެ. އަދި އަންހެން އެތްލީޓް އަހުނާވެސް ވަނީ 100މ، 200މ ލޯންގް ޖަމްޕް ރަން މެޑެލް ހޯދާފަ އެވެ.
މިމަހު 15 ން 20 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގެ ވަނަވަނައަށް ދިޔަ އެތްލީޓުންނަށް ޓްރޮފީއާއި މެޑެލް ހަވާލުކުރުމަށް ހުކުރުދުވަހުގެ ރޭ ވަނީ ވަރަށް ހާއްޞަ ރަސްމިއްޔާތެއްބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ޓްރެކް އެން ފީލްޑް އެސޯޝިއޭޝަން ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ޓީމަކީ ޖަލާލުއްދީން ސްކޫލް ޓީމެވެ. މީގެ އިތުރުން މި މުބާރާތުގައި ހޮވާފައިވާ ވަނަތަކުގެ ތެރޭގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް 17 އަހަރުން ދަށް 20 އަހަރުން ދަށުގެ އެންމެ މޮޅު ޓީމް އަދި މި ކޮންމެ އުމުރުފުރާއެއްގެ އެންމެ މޮޅު އެތުލީޓު ހިމެނެ އެވެ.
އެގޮތުން 13 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް މިލަންދޫން ސްކޫލް ހޮވިފައިވާއިރު މިއުމުރުފުރާގެ އަންހެން އެންމެ މޮޅު ޓީމަކީ އަފީފުއްދީން ސްކޫލްއެވެ. 15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމް ހޮވިފައިވާއިރު މިއުމުރުފުރާގެ އަންހެން ޓީމަކަށް ހޮވިފައިވަނީ ޓީމް ރައިވެރިޔާއެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ނަސީރު ސްޕޯރޓްސް ޓީމް ހޮވިފައިވާއިރު މިއުމުރުފުރާގެ އަންހެން އެންމެ މޮޅު ޓީމަކީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. އަދި 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ޓީމްގެ މަޤާމްވެސް ލިބިފައިވަނީ ޝަރީފް ސްޕޯރޓްސްއަށެވެ. މީގެ އިތުރުން ކޮންމެ އުމުރު ފުރާއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓްވެސް ވަނީ ހޮވާފައެވެ.
އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތުގައި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ.