ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 07:57
ޕީއެސްޖީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ކްލަބް ފްރެންޑްލީ
ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި
ޗެލްސީ މޮޅުވީ އާސެނަލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން
ޓޮޓެންހަމް މޮޅުވީ ޕީއެސްޖީއާ ވާދަކޮށް 2-4 ގެ ނަތީޖާއަކުން

ކްލަބް ފްރެންޑްލީއެއްގައި ޓޮޓެންހަމް ހޮޓްސްޕާ އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ޕީއެސްޖީއާ ވާދަކޮށް 2-4 ގެ ނަތީޖާއަކުންނެވެ.

އެމެރިކާގައި ކުޅުނު މި މެޗު ފެށިގެން ހަ ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. އެހެންނަމަވެސް އޭގެ ފަސް މިނެޓު ފަހުން ކްރިސްޓިއަން އެރިކްސަން ވަނީ ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓޮޓެންހަމް އިން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑައާ އެވެ. އެހެން ނަމަވެސް 36 ވަނަ މިނެޓުގައި ޕީއެސްޖީގެ ޕަސްޓޯރޭ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ ފަހު 10 މިނެޓު ތެރޭގައި އެޓީމުން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން 82 ވަނަ މިނެޓުގައި އަލްޑަވައިލްޑްގެ ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. އޭގެ ހަ މިނެޓު ފަހުން ހެރީ ކޭން ވަނީ އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި އަންނަ ބުރާސްފަތި ދުވަހު ޔުވަންޓަސްއާ ދެކޮޅަށް ޕީއެސްޖީ ނިކުންނައިރު، ބުދަ ދުވަހު ޓޮޓެންހަމް ނިކުންނާނީ އޭއެސް ރޯމާއާ ދެކޮޅަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ އާސެނަލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ބެއިޖިންގައި ކުޅުނު މި މެޗު ފެށިގެން 40 ވަނަ މިނެޓުގައި ޗެލްސީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަން އެވެ. މި ލަނޑަށް ފަހު ވެސް ޗެލްސީން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

އެގޮތުން 42 ވަނަ މިނެޓުގައި މިޗީ ބަޓްޝުއޭގެ ލަނޑުން ޗެލްސީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޗެލްސީން ދިޔައީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 49 ވަނަ މިނެޓުގައި ބަޓްޝުއޭ ވަނީ އިތުރު ލަނޑެއް ޖަހާ ޗެލްސީ އަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗަށްފަހު ޗެލްސީ އަންގާރަ ދުވަހު ނިކުންނާނީ ބަޔާން މިއުނިކްއާ ދެކޮޅަށެވެ. އާސެނަލް ނިކުންނާނީ ބެންފީކާއާ ދެކޮޅަށެވެ.  

- ކޮމެންޓް