ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ހަވީރު އިންތިޚާބީ ރައީސް ވަނީ ހިޔާ ފްލެޓުގެ ސަރަހައްދަށް ވަޑައިގަންނަވާ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުންދާ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓުގައި ދިރިއުޅޭ ރަައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރާނެ ކަމަށާއި، އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށެވެ. އަދި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ކަމެއް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ. މިމަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ. ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ޓަވަރުތަކުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތިތައް ވަނީ ކުރިމަތިވެފައެވެ. ބައެއް ފަހަރު ލިފްޓަށް އަރަން ބޮޑު ކިޔުއެއްގައި ހުންނަންޖެހޭ ކަމަށް އެޓަވަރުތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.