ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 07:54
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އިމާރާތްތައް ބިމާ ހަމަވެފައި
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އިމާރާތްތައް ބިމާ ހަމަވެފައި
އަލްޖަޒީރާ
ފަލަސްތީނު ހަނގުރާމަ ހަނގުރާމަ
ހަނގުރާމައަށް 14 ދުވަސް: އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި މީހުން ދިރިއުޅޭ ތަންތަނުގެ 25 އިންސައްތަ ބިމާ ހަމަކޮށްފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 98،000ށް ވުރެ ގިނަ ހައުސިންގ ޔުނިޓް ހަލާކުކޮށްފައިވޭ
ސިއްހީ ޚިދުމަތްދޭ 59 ތަނަކަށް ހަމަލާދީފައިވޭ
ޑިޔުޓީ ކުރަމުންދިޔަ ސިއްހީ މަސައްކަތްތެރިންގެ 16 މީހެއްގެ ފުރާނަ ގެއްލިފައިވޭ

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ފެށި އިސްރާއީލު ފަލަސްތީނު ހަނގުރާމައަށް 14 ދުވަސް ވެފައިވާއިރު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި މީހުން ދިރިއުޅެމުންދާ ތަންތަނުގެ ތެރެއިން 25 އިންސައްތަ ތަން ބިމާހަމަކޮށްފައިވާކަމަށް އދ ގެ އޮފިސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިޔުމަނިޓޭރިއަން އެފެއަރސް އިން ހާމަކޮށްފިއެވެ.

އެޖަމާއަތުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 98،000ށް ވުރެ ގިނަ ހައުސިންގ ޔުނިޓް ނުވަތަ ގެދޮރު ހަލާކުކޮށްފައިވާކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ސިއްހީ ޚިދުމަތްދޭ 59 ތަނަކަށް ހަމަލާދީފައިވެއެވެ. މީގެތެރޭގައި 17 ހޮސްޕިޓަލާއި 23 އެމްބިޔުލަންސްވެސް ހިމެނޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިތަންތަނަށް ދިން ހަމަލާތަކުގައި 491 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު މީގެތެރޭގައި ޑިޔުޓީ ކުރަމުންދިޔަ ސިއްހީ މަސައްކަތްތެރިންގެ 16 މީހަކުވެސް ހިމެނޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މީގެއިތުރުން އިސްރާއީލުން ދެމުންދާ ހަމަލާތައް ތައުލީމު ދޭ 170 ތަނަކަށް އަމާޒުކޮށްފައިވާއިރު އެތަންތަނަށް ބޮޑެތި ގެއްލުންތައްވެފައިވާކަމަށް އދ ން ބުނެއެވެ. މީގެއިތުރުން ޣައްޒާގައި ހުންނަ ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އދ ން ބުނެއެވެ.

އދ ން ބުނެފައިވަނީ އާންމު ރައްޔިތުންނާއި އެމީހުންނަށް ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާދެވިގެންނުވާނެކަމަށެވެ.

2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާގެ ދެ ބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. އަދި 1.7 މިލިއަން މީހުން ދިރިއުޅެމުން އަންނަނީ ރެފިޔުޖީ ކޭމްޕްތަކުގައެވެ.

- ކޮމެންޓް