Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 23:31
ޕީޕީއެމުން ދިއްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
ޕީޕީއެމުން ދިއްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
މަޖިލީސް އިންތިހާބު 2017
މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި
ޖަލްސާއިން ޒުވާނުން ފެނިގެންގޮސްފައިވަނީ ވަރަށްވެސް މަދުން
ޖަލްސާގައި ދެން ބައިވެރިވެފައިވަނީ ފެނަކައިގެ މުވައްޒިފުންކޮޅަކާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒިފުން
ޖަލްސާގައި ބައިވެރިވި އެ ރަށުގެ ރައްޔިތުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި

މަދު އަދަދެއްގެ ބަޔަކާއެކު، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހއ. ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ޕީޕީއެމުން ވަކިކުރުމަށްފަހު، ސަރުކާރުން ކޮންޓްރޯލްކުރާ އިލެކްޝަންސް ކޮމިޝަންސް މެދުވެރިކޮށް ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި، ދާއިރާގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ޕީޕީއެމްގެ އިސް ފަރާތްތަކެއް ވަނީ ދިއްދޫއަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު، ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. އޭގެއިތުރުންވެސް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްވެސް ދަތުރުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

 

 

ކެމްޕޭން ޓީމް ދިއްދޫއަށް ވަޑައިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާ ބައިވެރިވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. އެގޮތުން އެ ޖަލްސާއިން ޒުވާނުން ފެނިގެންގޮސްފައިވަނީ ވަރަށްވެސް މަދުންނެވެ. އަދި އެ ޖަލްސާގައި ދެން ބައިވެރިވެފައިވަނީ ފެނަކައިގެ މުވައްޒިފުންކޮޅަކާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒިފުންކަން ރާއްޖެ އެމްވީއަށް އެނގިފައިވެއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތުދިން ދިއްދޫ ރައްޔިތަކު ބުނީ، ކެމްޕޭން ޖަލްސާގައި ބައިވެރިވި އެ ރަށުގެ ރަތްޔިތުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަމަށެވެ. އެގޮތުން ދިއްދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް، އެ ކެމްޕޭން ޓީމްގައި ހިމެނިވަޑައިގެންނެވި ބައެއް އިސް ބޭފުޅުން ޖަލްސާގައި ވިދާޅުވިކަމަށް އޭނާ ބުންޏެވެ. އޭގެއިތުރުން ދިއްދޫ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުވާލަންޖެހުނީ ސަރުކާރުން ބޭނުންވާގޮތަށް ބައެއް ކަންތައްތައް ނުވުމުންކަމަށް ވިދާޅުވެ އެ ޖަލްސާގައި އެ ބޭފުޅުން ވާހަކަދެއްކިކަމަށްވެސް ދިއްދޫއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ވެރިކަންކުރާ ޕީޕީއެމުން ދާއިރާތަކުގެ ކެމްޕޭން ފެށިއިރު، އެ ދާއިރާތަކުގެ ގޮނޑި ހުސްވެފައިވާކަމަށް މިހާތަނަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައެއް ނުވެއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އަދި ގޮނޑި ހުސްވެއްޖެކަމަށް ކަނޑައެޅުމުގެ ބާރަކީ، ސަރުކާރުން ކޮންޓްރޯލްކުރާ އިލެކްޝަންސް ކޮމިޝަނަކަށް ލިބިގެންވާ ބާރެއް ނޫންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 14:16
ޖާނޭ
ފޮޓޯއިން ފެންނަ އަދަދު މަދު ނަމަވެސް ތިތަނުގަ ތިބި ޖިންނި ސައިތޯނުންގެ އަދަދު މަދެއް ނުވާނެ
23 ޖުލައި 2017 | އާދީއްތަ 00:31
އިސްލާހު
މިހެންމިވަނީ ކަންކަން ނިމިގެންދާނެ ގޮތް ބަޔަކަށް ކުރިޔާލައި އެނގިފައި އޮންނާތީ ތާއެވެ