އިންފާޓިލިޓީއަށް ފަރުވާ ހޯދުމަށް ރާއްޖޭގައި ޚާއްސަ ކްލިނިކްތަކެއް ގާއިމްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގައި، ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ހުށަހަޅާ ގަރާރު، އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ކުރިއަށް ގެންދިޔަ ބަހުސްގައި މެންބަރު ރޮޒެއިނާ ވިދާޅުވީ މިއީ ގައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ދަރަމައިވުމުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި، ޚާއްސަ ގޮތެއްގައި ރާއްޖޭގައި އެކަމަށް ބޭނުންވާ އެކަށީގެންވާ ފަރުވާތައް ނުލިބުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމުގެ ގާބިލްކަން ނެތް އެތައް ބަޔަކު ތިބިކަން މެންބަރު ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
ދަރަމައިވުމުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ. ޚާއްސަ ގޮތެއްގައި ރާއްޖޭގައި އެކަމަށް ބޭނުންވާ ފަރުވާތައް ނުލިބުމާއި ގުޅިގެން ވަރަށް ބޮޑެތި ހަރަދުކޮށްފައި ރާއްޖެއިން ބޭރަށް ވަރަށް ގިނަ ބަޔަކު ދަތުރުކުރަންޖެހޭ ކަމީ ވެސް ވަރަށް ހިތާމަ ހުރި ކަމެއް. ދެން މިރިޕޯޓަށް ބަލާލުމުން މިކަމާއި ގުޅޭ ދިރާސާތައް އަޅުގަނޑުމެން އިތުރަށް ހަދަންޖެހޭކަން ވަރަށް ބޮޑަށް ފާހަގަވޭ. ކޮން ސަބަބުތަކާއި ގުޅިގެންތޯ ދަރިމައިވުމުގެ މައްސަލަތައް މިދިމާވަނީ. އާއްމުކޮށް މިމައްސަލަ ދިމާވާ ކަންކަން ރާއްޖޭގައި ފަރުވާ ލިބޭނެ ގޮތްތަކެއް އެކުލަވާލުމަށް މަސައްކަތް ކުރަންޖެހޭކަން ރިޕޯޓުން ފާހަގަކުރެވިގެންދޭ.ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އިންފާޓިލިޓީއަށް ފަރުވާ ހޯދުމަށް ރާއްޖޭގައި ޚާއްސަ ކްލިނިކްތަކެއް ހެދިގެން އެމަސައްކަތް ކުރެވެންޖެހޭކަން ފާހަގަކުރައްވައި މެންބަރު ރޮޒެއިނާ ވިދާޅުވީ އެމްޑީޕީގެ 2023 ގެ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި މިކަމަށް ވަރަށް ރަނގަޅު ހައްލުތަކެއް ހޯދަން ހުށަހެޅިފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު އެކުލެވިގެން މިދަނީ ޕީއެންސީގެ ސަރުކާރެއް ކަމަށްވާތީ ޕީއެންސީގެ އަލުން އުފެދޭ ސަަރުކާރަށް ވެސް މިމަސައްކަތް ކޮށްދިނުމަށް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.
މެންބަރު ރޮޒެއިނާގެ އިތުރުން ވެސް މަޖިލީހުގެ މެންބަރުން ވަނީ މިމައްސަލައާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަވަސްގޮތެއްގައި މިމައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލްގައި ފެށިނަމަވެސް ކިޔު ވަރަށް ދިގު ކަމަށާއި، އިތުރު ހައްލުތަކެއް ހޯދަންޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.
މީގެ އިތުރުން ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ހުށަހަޅާ ގަރާރު، އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައެވެ. މިރިޕޯޓު ފާސްކުރުމަށް ބޭނުންވަނީ 23 މެންބަރުން ވޯޓެވެ.