އިދިކޮޅު ސިޔާސީ ޕާޓީތަކުން ހަވީރު ސައިފޮދެއް ކުރިއަށްގެންގޮސްފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި މި ސައިފޮދުގައި ގުޅިފައިވާ ސިޔާސީ ޕާޓީގެ އިސްވެރިންނާއި އިދިކޮޅު ކޯލިޝަނަށް ތާއިދު ކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މި ސައިކުރިއަށް ގެންދިޔައީ ހުކުރު ދުވަހު ބާއްވަން އުޅުނު ސައި ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސްއަޅާފައި ވާތީ "ހުސްނުވި ސައި"ގެ ނަމުގަ އެވެ.
މިއަދުވެސް މި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރި އެވެ. އަދި ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ. ނަމަވެސް އެއްވި މީހުން އެއްފަރާތައް ޖެއްސުމުގެ މަސައްކަތް ކުރި ފުލުހުން ވަނީ އެކަން ކާމިޔާބުނުވެ އެނބުރި ގޮސްފަ އެވެ. އަދި އެސްއޯ ފުލުހުން އައިރު މި ހަރަކާތް ނިންމާލުމަށް ފަހު ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ.
މި ހަރަކާތުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަކީ ރައީސް އަބްދުﷲ ޔާމިން މަގާމުން ދުރުކުރުން ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު ކުނޫޒުގައި ބޭއްވާ ޖަލްސާއަށް ވީހާ ވެސް ގިނަ ބަޔަކު ދިއުމަށް ޝިފާޒު ވަނީ ގޮވާލައްވާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ދިވެހިން ތިބީ ހުދުމުހްތާރު ވެރިކަމަކަށް ފުރުސަތު ދޭ ގޮތަކަށްނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ ވަނީ ގާނޫނާ ހިލާފަށް ދައުލަތުން ހިންގަމުންދާ ކަންކަން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި ގާނޫނާ ހިލާފުވާ ފަރާތްތައް ބަލި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.