ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 18:47
ޑްރަގް ހުރި ވީލްޗެއާ
ޑްރަގް ހުރި ވީލްޗެއާ
ބީބީސީ
ހޮންގކޮންގ އަށް ޑްރަގް އެތެރެކުރަން އުޅުން
ވީލްޗެއާގައި ގޮދަޑިޖަހާ އޭގައި ފޮރުވައިގެން 11 ކިލޯ ޑްރަގް އެތެރެކުރަން އުޅެނިކޮން ހިފިއްޖެ
މިތަކެތީގެ އަގު 1.5 މިލިއަން ޑޮލަރު ވަރުވާނެކަމަށް ވެއެވެ.

ހޮންގކޮންގ އަށް އެތެރެވާން އުޅުނު މީހަކު، ވީލްޗެއާ ގައި ފޮރުވައިގެން 11 ކިލޯގެ ޑްރަގް އެގައުމަށް އެތެރެ ކުރަން އުޅެނިކޮން ހޮންގކޮންގ އިންޓަރނޭޝަނަލް އެއާޕޯޓްގެ އޮފިޝަލުން ހިފައިފިއެވެ. މިތަކެތި ފެނިފައިވަނީ ހޮނިހިރު ދުވަހު އެގައުމަށް ދަތުރުކުރި އުމުރުން 51 އަހަރުގެ މީހަކު ކަސްޓަމްސް ކްލިއަރެންސް ހެދުމުގެ ތެރޭންނެވެ.

ކެރީބިއަންގެ ގައުމަކުން ފުރައިގެން ޕެރިސްގައި މަޑުކުރުމަށްފަހު ދިޔަ މިމީހާ ގެ ވީލްޗެއާ އެތެރެކޮށްފައިވަނީ ބެގެޖްގެ ގޮތުގައިކަމަށްވެއެވެ. އޭގައި ގޯހެއް އުޅޭކަމަށް އޮފިޝަލުންނަށް ޝައްކުވެފައިވަނީ އެގޮނޑީގައިވާ ގޮދަނޑި ފަހާފަ ހުރިގޮތުން ކަމަށް ވެއެވެ. ގޮނޑީގައި އިށީނުމަށް އެއްގޮދަޑި، އަދި ލެގޭތާނގައި އެއްގޮދަޑި ވާއިރު މިދެބައިގަވެސް ވަނީ ޑްރަގްސް އެވެ. މިގޮތުން 11ކިލޯގެ ކޮކޭން ފެނިފައިވާ ކަމަށް ވެއެވެ. މިތަކެތީގެ އަގު 1.5 މިލިއަން ޑޮލަރު ވަރުވާނެކަމަށް ވެއެވެ.

ވީލްޗެއާ އެތެރެކުރަން އުޅުނު މީހާ މިހާރުވަނީ ހައްޔަރު ކޮށްފައެވެ. ނުރައްކާތެރި ޑްރަގެއް އެތެރެކުރަން އުޅުނު ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުމުރުދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.  

ހިނގާ އުޅުމުގަ ދަތިތަކެއް ހުރި މިމީހާ ކަސްޓްމްސް އޮފިސަރުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަކީ ކާރު ރެންޓަލް ކުންފުންޏެއްގެ ޑިރެކްޓަރެވެ. އަދި އެގޮނޑިއަކީ ބޭނުން ކޮށްލާފަދޭން ރައްޓެއްސެއްގެ އަތުން އަތުލި ގޮނޑި އެކެވެ.

މިހާދިސާއާ ގުޅިގެން ހައިރިސްކް ސަރަހައްދު ތަކުން އެތެރެވާ މީހުން ބަލާފާސްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ހޮންގކޮންގ ގެކަސްޓަމްސް އޮފިޝަލުން ބުނެފައި ވެއެވެ.

ހޮންގކޮންގ ގެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ނުރައްކާތެރި ޑްރަގް އެތެރެކުރަން އުޅެނިކޮން ކަސްޓަމްސް ޗެކްކުރުމުގެ ތެރޭން 931 މީހުން ހިފިފައިވެއެވެ. އަދި އޭގެ ކުރި އަހަރު 906 މީހުން ހިފިފައި ވެއެވެ.

ވީލްޗެއާއެއްގައި ޑްރަގް ފޮރުވައިގެން އެތެރެކުރަން އުޅުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ. ނިއުޔޯކް އަށް އެތެރެވާން އުޅުނު އަންހެނެއްގެ ވީލްޗެއާގެ ފުރޮޅުންވެސް 450،000ޑޮލަރުގެ ޑްރަގް ފެނިފައި ވެއެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އިޓަލީގެ މިލާންއަށްވެސް ވީލްޗެއާގެ ގޮދަޑިއެއްގައި ފޮރުވައިގެން 1.6 މިލިއަން ޑޮލަރުގެ ޑްރަގްސް އެތެރެކުރަން އުޅެނިކޮން ހިފިފައި ވެއެވެ.   

- ކޮމެންޓް