ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 12:55
ޕާކިސްތާނާއި އިންޑިޔާގެ ސަޕޯޓަރުން: މެޗު ވާދަވެރިވާނެ
ޕާކިސްތާނާއި އިންޑިޔާގެ ސަޕޯޓަރުން: މެޗު ވާދަވެރިވާނެ
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
1.5 ބިލިއަން މީހުން ބަލާނެ މެޗު، އެޑްވާންޓޭޖް އިންޑިޔާއަށް
ވޯލްޑްކަޕުގައި ހަތް ފަހަރު ކުޅެގެންވެސް މޮޅުވީ އިންޑިޔާ

ކްރިކެޓް ވޯލްޑްކަޕުގައި މިއަދު މެންދުރުފަހު ވާދަވެރި އިންޑިޔާއާއި ޕާކިސްތާން ބައްދަލުކުރާނެއެވެ. މިދެ ގައުމުގެ އާބާދީގެ 1.5 ބިލިއަން މީހުން މި މެޗަށް ދަނީ އިންތިޒާރު ކުރަމުންނެވެ. އަދި ކްރިކެޓަށް ލޯބިކުރާ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މީހުންވެސް މި މެޗާމެދު ދަނީ ސީރިއަސްކޮށް ވިސްނަމުންނެވެ.

ކްރިކެޓް ވޯލްޑްކަޕް މި ފަހަރު ކުޅެނީ އިންޑިޔާގައެވެ. މިއަދުގެ މެޗު ކުޅެނީ ދުނިޔޭގައިވާ އެންމެ ބޮޑު ކްރިކެޓް ދަނޑުގައެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ނަން ދީފައިވާ ސްޓޭޑިއަމުގައެވެ. ޖާގައަކީ 132000ވެ. މިތަނަށް ގާތްގަނޑަށް ވަންނާނީ މުޅިންވެސް އިންޑިޔާ މީހުންނެވެ. ކުޅިބަލާ މީހުންގެ ތެރޭގައި ޕާކިސްތާނުގެ ފެހި ސާޅިއާއި ފޮށާ އަޅައިގެން ތިބޭނީ މަދު ބައެކެވެ.

އިންޑިޔާގެ ކެޕްޓަން ރޯހިތު ޝަރުމާ ގަބޫކުރާގޮތުގައި، މިއީ އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. އިންޑިޔާގެ ނޫސްވެރިން ދެކޭގޮތުގައި މީގެ ސަބަބުން ޓީމަށް ޕްރެޝަރުވެސް އޮންނާނެއެވެ.

އަހަރުމެން ވަނީ މީގެ ކުރިންވެސް މިފަދަ މެޗުތައް، ކްރައުޑް ބޮޑު ދަނޑުތަކުގަ ކުޅެފަ. އެހެންވީމަ މިއަދުގެ މެޗު އިންޑިޔާގަ ކުޅުމަކީ ލިބޭ އެޑްވާންޓޭޖެއް. އަހަރުމެންނަށް އަބަދުވެސް ސަޕޯޓަރުންގެ ތާއީދު ލިބޭ.
ރޯހިތު ބުންޏެވެ.

މި މެޗާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ދެ ގައުމުގެ ކެޕްޓަނުންވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އިން ހަމައެކަނި ޕާކިސްތާނުގެ ނޫސްވެރިޔާ ސުވާލުކުރީ، ވޯލްޑްކަޕް ކުރީގެ ތާރީޚުތަކާ ބެހޭގޮތުންނެވެ. އިންޑިޔާއާއި ޕާކިސްތާން މިހާތަނަށް ކުޅުނު ހަތް މެޗުންވެސް މޮޅުވީ އިންޑިޔާއެވެ. މީގެ ތެރޭގައި 2011ގެ ސެމީ ފައިނަލްވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ކެޕްޓަން ބަބަރް އަޒަމް މި ސުވާލުގެ ޖަވާބުގައި ބުނީ މިހެންނެވެ.

އަހަރުމެންނަށް ޕްރެޝަރެއްނެތް. އަހަރުމެން ތިޔަ ފަދަ ތާރީޚުތަކާމެދަކު ނުވިސްނަން. އެކަން އެއޮތީ ނިމިފަ. އަހަރުމެން މި ނުކުންނަނީ މި ރެކޯޑް ބަދަލުކޮށްލަން. އަހަރުމެން ވިސްނަނީ މުސްތަގުބަލަށް.
އަޒަމް ބުންޏެވެ.

މި ދެ ގައުމު ފާއިތުވެދިޔަ 10 އަހަރު އެއް ގައުމު، އަނެއް ގައުމުގައި ކުޅެފައެއްނުވެއެވެ. އެއީ ސިޔާސީ އަރައިރުންތަކާހުރެ އެކަމުގެ އަސަރު ގައުމީ ޓީމާ ހަމައަށްވެސް ފޯރުމުންނެވެ. މިކަމާހެދި ޕާކިސްތާނުގައި މިދިޔަ މަހު ބޭއްވި އޭޝިޔާ ކަޕަށް އެ ގައުމަށް ދާންވެސް އިންޑިޔާ ދެކޮޅުހެދިއެވެ. ލަންކާގައި އޭޝިޔާ ކަޕުގެ ބައެއް މެޗުތައް ކުޅެންޖެހުނީ އިންޑިޔާގެ ސަބަބުންނެވެ. އިންޑިޔާއިން ޕާކިސްތާނަށް މެޗު ކުޅެން ނާންނަކަމަށްވާނަމަ މި ފަހަރުގެ ވޯލްޑްކަޕް ބޮއިކޮޓް ކުރަންވެސް ޕާކިސްތާނުން ވިސްނިއެވެ. ވަޒީރުންގެ ޓީމަކުން މިކަމާމެދު ބަހުސްކުރުމަށްފަހު ނިންމީ، ހިތުގައި ކޮންމެފަދަ ނަފުރަތުކަމެއް އޮތްނަމަވެސް ކުޅިވަރާއި ސިޔާސީ ކަންކަން މަސްހުނި ނުކުރުމަށެވެ. މިހެންވެ ސުލްހައިގެ ފަތްކޯޅިއަކާއެކު ޕާކިސްތާނުގެ ވިސްނުންހުރީ މިފަހަރު ތާރީޚު ބަދަލުކޮށްލާށެވެ.

- ކޮމެންޓް