ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 17:16
އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގައި ތާރުއަޅާފައި
އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގައި ތާރުއަޅާފައި
އާރްޑީސީ
އަމީނީ މަގުގެ މަސައްކަތް
އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ
ސްޓޯމް ވޯޓަރ ޕްރޮޖެކްޓަށް އަމީނީމަގުގައި ވަރަށް ފަލަ ހޮޅިތަކެއް ވަޅުލަންޖެހޭ
އެ ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ހޮޅިތަކެއް ކަމަށާއި، އެ މަސައްކަތް ކުރުމަށް ދެތިން މަސް ނަގާނެ
އަމީނީ މަގުގެ މަސައްކަތް ފަށައިފިނަމަ ފަހުން ތާރުކަނޑައި ހޮޅިވަޅުލަން ޖެހޭނެ، އެކަމުގެ ސަބަބުން ސަރުކާރަށް ޚަރަދު ބޮޑުވާނެ

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމާނުލެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓަރ ޕްރޮޖެކްޓަށް އަމީނީމަގުގައި ވަރަށް ފަލަ ހޮޅިތަކެއް ވަޅުލަންޖެހޭ ކަމަށެވެ. އެ ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ހޮޅިތަކެއް ކަމަށާއި، އެމަސައްކަތް ކުރުމަށް ދެތިން މަސް ނަގާނެކަމަށެވެ.

އަކްރަމް ވިދާޅުވީ ހޮޅިތައް ވަޅުލުމުގެ މަސައްކަތްނުކޮށް، މިހާރު އަމީނީ މަގުގެ މަސައްކަތް ފަށައިފިނަމަ ފަހުން ތާރުކަނޑައި ހޮޅިވަޅުލަން ޖެހޭނެ ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރަށް ޚަރަދު ބޮޑުވާނެކަމަށެވެ. އަދި ވިދާޅުވީ ހޮޅިތައް ރާއްޖެއަށް ގެނައުމަށް ގިނަދުވަސްތަކެއް ނަގާއިރު، މަގުގެ މަސައްކަތަށް މަގު ބަންދުކުރުމުން ޓްރެފިކަށް ވަރަށް ބާރު ބޮޑުވާނެ ކަމަށެވެ. އެސަރަހައްދަކީ ވެސް ބާރުބޮޑު ސަރަހައްދެއްގެ ގޮތުގައި އަކްރަމް ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ، މިހުރިހާ ސަބަބުތަކާ ގުޅިގެން އަމީނީ މަގުގެ މަސައްކަތް މިދައުރުގެ ތެރޭގައި ނުކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ. އަދި އަމީނީ މަގުގެ 90 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށާއި، ނުނިމޭ ބައިގެ މަސައްކަތް އައު ސަރުކާރުން ކުރިއަށް ގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މަގު އެއްކޮށް ނިންމާލުމަށް ބާކީ އޮތީ ދެ ސެގްމެންޓުގެ މަސައްކަތެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދަނީ އެންމެންނަށް ބޭނުންކުރެވޭހެން ރައްކާތެރިކޮށެވެ. އެގޮތުން ލޯފަން މީހުންނާއި، އެހެނިހެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު އަމީނީ މަގު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން މަގުގެ ފެންހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނުއަޅާގޮތަށެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ، އަށްޑިހަ ތިން ލާރިއެވެ.

- ކޮމެންޓް