ޕާސްޕޯޓް ގެއްލުމުން ނަގަމުން އައި ޖޫރިމަނާ 2000 ރުފިޔާއަށް ވުރެ ބޮޑުނުވާގޮތަށް ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.
އިސްލާހުކުރުމަށްފަހު ގެޒެޓްކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ ޕާސްޕޯޓް ގެއްލިއްޖެނަމަ ޕާސްޕޯޓު ހަދައިދެވޭނީ، ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް އެފަރާތުގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބިގެންކަމަށެވެ. އަދި ޕާސްޕޯޓް ގެއްލުނީ އިހުމާލުން ނަމަ އައު ޕާސްޕޯޓެއް ހަދައިދެވޭނީ ދެ ހާސް ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހު އެ ޖޫރިމަނާގެ ފައިސާ އިމިގްރޭޝަނަށް ދެއްކުމުންނެވެ.
މީގެ ކުރިން އޮންނަނީ ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5000 ރުފިޔާ އާއި 20،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާ ގޮތަށެވެ. އެއީ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރު 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 20،000 ރުފިޔާއެވެ.
ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޕޮލިސް ރިޕޯޓަކާއި ނުލައި އައު ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. އަދި މި ފަރާތްތަކަށް ޖޫރިމަނާކުރުމަކާ ނުލައި ޕާސްޕޯޓް އައު ކޮށްދޭނެއެވެ.
ޕާސްޕޯޓު ގެއްލިގެން ރިޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އެހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ދަތުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިޚުތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ޕާސްޕޯޓް ހަލާކުވެގެން އަލުން ޕާސްޕޯޓު ހައްދާއިރު، އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގައި ބާކީ އޮތް މުއްދަތު އެއް އަހަރަށްވުރެ އިތުރުނަމަ މުއްދަތު ހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100 ރުފިޔާގެ ކެންސަލޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތީ އެއް އަހަރަށްވުރެ ކުރު މުއްދަތެއްނަމަ ކެންސަލޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ.
ނަމަވެސް ޕާސްޕޯޓް ހަލާކުވީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓު ހަލާކުވާން ދިމާވި ސަބަބާއި ބާވަތަށް ބަލައި ދެ ހާސްރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހުކަމަށް ގަވާއިދު ބުނެއެވެ. އަދި ޕާސްޕޯޓް ހަލާކުވެގެން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތުހަމަވާ ފަހުން ހުށަހަޅާ ފަރާތެއްނަމަ ޖޫރިމަނާ ފައިސާ ނުނަގައި ޕާސްޕޯޓް އައުކޮށްދޭނެއެވެ.