ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. އިންސާނީ ހައްގުތަކާއި، އަންހެނުންގެ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާމެދު އެންމެ ހަރު އަޑުން ވަކާލާތުކުރާ ގައުމުތަކާއި ޖަމިއްޔާތަކަށްވެސް އެ މަންޒަރުތައް ނުފެންނަފަދައެވެ. ޣައްޒާގެ މަޢުސޫމު ކުދިން ކިޔައިދެމުންދާ ހިތްދަތި ވާހަކަތައް، ހައްގުގެ އެކްޓިވިސްޓުންގެ ކަންފަތްތަކަށް އަޑުނީވޭފަދައެވެ.
ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގެ ރައްދުގައި ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދޭންފެށި ޙަމަލާތަކަކީ މީގެ ކުރިން ޣައްޒާ ތަޖުރިބާކުރި ވަރުގެ ހަމަލާތަކެއް ނޫނެވެ. ހަމަލާތައް ދެމުންދަނީ ދުރާލައި އިންޒާރުކުރުމަކާވެސް ނުލައެވެ.
މިއިން ދުވަހަކު ހަމަލާތައް ހުއްޓިދާނެ ކަމުގެ މަލަމަތި ފެންނަން ނެތްއިރު، ޣައްޒާގެ އެތައް ބަޔަކު ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދަނީ އދ.ން ޣައްޒާގައި ހިންގާ ސްކޫލުގައެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ، އުމުރުން އެންމެ 13 އަހަރުގެ އިސްރާ އަލް-ގިޝާވީއެވެ.
ހަނގުރާމަ ފެށީ ހަމަ ނުވެސް ވިސްނާ ހުއްޓާ، ހަމަ ކުއްލިއަކަށް. ރޮކެޓެއް ކަނޑަށް ވެއްޓުނުއިރު، އަހަރެމެން ތިބީ ސްކޫލަށް ދާން މަގުމަތީގަ. އަހަރެމެން ހީކުރީ އެއީ ތަމްރީނެއް ކަމަށް. އެކަމަކު، އެއީ އަސްލު ރޮކެޓް ހަމަލާއެއްކަން އަހަރެމެންނަށް ފަހުން އެނގުނު. ހަނގުރާމައެއް ކުރާކަން އެނގުނު. އަހަރެމެން ވަރަށް ބިރުގަނޭ ހަނގުރާމަކުރާތީ.އިސްރާ އަލް-ގިޝާވީ؛ ޣައްޒާގެ ކުޑަކުއްޖެއް
އިސްރާ ކިޔައިދިން ގޮތުގައި، ނިދަން ޖެހެނީ ތޮއްޖެހިފައިވާ ކްލާސްރޫމްގައި ފިތިބާރުވެގެންނެވެ.
އާދޭ އަހަންނާ އެކީ، ކުލާސް ދައްކާލާނަން. ވައިގެ ހަމަލާތައް ދޭތީ ރޭގަނޑު ނުވެސް ނިދޭ. އިރުއިރުކޮޅާ ފާޚާނާއަށް ދާންޖެހިފަ އަހަރެން އޮންނަނީ. ރޮކެޓް ހަމަލާތައްދެކެ ގަންނަ ބިރަކާ ހެދި. އަހަންނަށް ނިދަން ލިބިފަ އޮތް ތަނުގެ ބޭނުމެއް ނެތް. ރޮކެޓްތަކުގެ އަޑުފަށްގަނޑު އިވޭ. މީ އަހަރެން ނިދާ ތަން. އަހަރެން ނިދަނީ މިތާ، ކުޑަދޮރުތައް ކައިރީގަ. އަހަރެން މިހާރު ނިދާ ތަނަކީ މީ. ޖާގައެއް ނެތް. އަހަރެމެން ނިދަނީ މިތާ، އެތާ، މިތާ... ޔަހޫދީން އެ ދަނީ ހަމަ ހަމަލާތައް ދެމުން. 30 މީހުން އެބަ ނިދާ މިތާ. އަހަރެމެން އެންމެންނަކަށް މިތާކު ޖާގައެއް ނެތް.އިސްރާ އަލް-ގިޝާވީ؛ ޣައްޒާގެ ކުޑަކުއްޖެއް
އެތައް ބަޔަކާ ހިއްސާކުރަން ޖެހޭ ފާޚާނާގައި ފެނުގެ ސަޕްލައިއެއް ނެތެވެ.
އަހަރެމެން ފެންނުވަރާ ތިބޭތާވެސް 3 ދުވަސްވެއްޖެ. އަހަރެމެންނަށް ކޮންމެ ދުވަހަކު ލިބެންޖެހޭ އެއްޗެހި ނުލިބޭ. ކައިބޮއެހަދާނެ އެއްޗެއް ނުލިބޭ. އެއްވެސް މީހަކު، އަހަރެމެންނަށް އެއްވެސް އެއްޗެއް ގެނެސްދެނީއެއް ނޫން. ހިނގާ، ފާޚާނާ ބަލާލަން. މިތާކު ފެނެއް ނެތް. ވަރަށް މުޑުދާރު. މިތަން މުޑުދާރުކަމުން، ހަންގަނޑު ފާރުވެސް ވެއްޖެ. ވަރަށް ފަކުރުގަނޭ މިތަން ފެނުނީމަ. ހިނގާ ދައްކާނަން... ބަލާބަލަ ނިކަން، ފެނެއް ނެތް މިތާކު... އަހަރެންވެސް ހިތަށްއަރާ، އެހެން ކުޑަކުދިންވެސް އުޅޭ ގޮތަށް، އާންމު ދިރިއުޅުމެއް އުޅެލެވޭނެ ނަމައޭ. ހަނގުރާމައާ، ރޮކެޓްތަކާނުލާ، ރައްކާތެރިކަމާއެކު ގެއަށް ގޮސް ދިރިއުޅެލެވޭނެ ނަމައޭ ހިތަށްއަރާ.އިސްރާ އަލް-ގިޝާވީ؛ ޣައްޒާގެ ކުޑަކުއްޖެއް
ޣައްޒާގެ ކޮންމެ ހިސާބަކަށް ބަލައިލިނަމަވެސް ފެންނަނީ ސުންނާފަތިވެ، ބިމާ ހަމަވެފައިވާ އިމާރާތްތަކެވެ. ހަމަލާތައް ދިނުމަށް ދުވާލެއް ރޭގަނޑެއް ނޯވެއެވެ. އިރު އަރާއިރު ތިބެންޖެހެނީ، ގައު ކުނޑިތަކުގެ ތެރެއިން، ލޯބިވާ އާއިލާގެ މެންބަރުންނާއި އަވަށްޓެރިން ސަލާމަތްކުރުމުގެ މަސައްކަތުގައެވެ. ނޫނީ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ސާމާނުތައް ސަލާމަތް ކުރެވޭތޯ، އަތްފުނާ އަޅައަޅައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު، ޣައްޒާގެ 7 ނުވަތަ 8 ސަރަހައްދެއްގައި ކުރިމަތިލުންތައް ހިންގަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. އިޒްރޭލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ހަފުތާ ބަންދުގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލުގައި ދެމުންދާ ރައްދު ހަމަލާތަކެއް ކަމަށް އިޒްރޭލުން ވަކާލާތުކުރެއެވެ. އިޒްރޭލާ ޣައްޒާއާ ދެމެދު ހަނގުރާމަ ގަދަވެފައިވަނީ، ފާއިތުވީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ހަނގުރާމަ ގަދަވެފައި ނުވާ މިންވަރަށް ކަމަށް ދެންނެވިދާނެއެވެ.
ރަސްމީ ސިފައެއްގައި ހަނގުރާމަ އިއުލާންކޮށް، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ގިނަ އަދަދެއްގެ ކުޑަކުދިންވެސް ދަނީ މަރުވަމުންނެވެ. ހަމަލާ އަމާޒުކުރުމުގައިވެސް ތަނެއް ދޮރެއް ނުބަލައެވެ. އާންމުން ދިރިއުޅުމަށް ބޭނުންކުރާ އިމާރާތްތަކާއި، މިސްކިތަކަށްވެސް ހަމަލާދެނީއެވެ.
އިސްރާފަދަ އެތައް ކުދިންނަކަށް ޣައްޒާއިން ފެނުނު ހަމަ އެކަނި ކަމަކީ ހަނގުރާމައެވެ. ހުވަފެންތަކެއް ދެކި، ދުއާކޮށް، ކެތްކޮށްލައިގެން ތިބުން ނޫން ގޮތެއް މިއަދު ޣައްޒާގެ ކުޑަކުދިންނަށްވެސް ނެތެވެ. ހަދަންވީ ގޮތެއް ނޫނީ، އެހީއަކަށް އެދެންވީ ކޮން ބައެއްގެ ކިބައިން ކަމެއް ބޮޑެތި މީހުންނަކަށްވެސް ނޭނގެއެވެ.