ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވީ އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށް، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަސްލަމް ވިދާޅުވީ، އާއްމުކޮށް ޖަލްސާ ފެށޭ ވަގުތު ކޯރަމް ހަމަނުވިނަމަވެސް، ކޯރަމް ހަމަވަންދެން މަޖިލީހުގެ ރިޔާސަތުން ވަގުތު ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާ މެދުކަނޑުއްވާލެއްވުމަށްފަހު ވެސް ހަމަ އެ ދުވަހު ވަގުތުކޮޅެއް ދެއްވުމަށްފަހު ޖަލްސާާ ކުރިއަށް ގެންދަވާ ކަމަށެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވީ ތަފާތުކޮށް ކަމަށާއި، މަޖިލީހުގެ ތަޅުމުގައި މެމްބަރުން މަދުނަމަ މަޖިލީހުގެ އިދާރީ މޭޒުންނާއި މަޖިލީހުގެ ރިޔާސަތުންވެސް ބޭފުޅުން ފޮނުއްވައި މެމްބަރުންނާ ވާހަކަ ދައްކަވައިގެންވެސް މެމްބަރުން ހަމަކުރައްވާ ކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވި ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އެނގިވަޑައިގަންނަވާނެ ޖަލްސާ ފެށޭގަޑީގަ ވަރަށް ގިނަ ދުވަސްދުވަހު ކޯރަމް ހަމަނުވީމަ، ކޯރަމް ހަމަވަންދެން މަޖިލީހުގެ ރިޔާސަތުން ކޮންމެވެސް ވަރަކަށް ޖާގަ ދެއްވާ. ޖަލްސާ މެދުކަނޑުއްވާލެއްވުމަށްފަހު ހަމަ އެދުވަހުގެ އެހެން ވަގުތުކޮޅެއް ދެއްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދަވާ. މިއަދު އަމަލުކުރެއްވީ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލެއްވުމުގަ، ނިންމަވާލެއްވުމުގަ އަމަލުކުރައްވާ އުސޫލަކުން ނޫން. މިއަދުގެ ޖަލްސާ ނިންމަވާ ލެއްވުމަށްފަހު ވަކި ތާރީޚެއް އިއުލާން ކުރެއްވުމެއްނެތި މަޖިލިސް ޖަލްސާ ނިންމަވާލެއްވީ. އެއީ ކަންބޮޑުވުމެއް ކަމަށް ދަންނަވަން.އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނައިބުރައީސް އީވާ އަބްދުﷲ ވިދާޅުވީ, މަޖިލީހުގެ ކޯރަމް ހަމަކުރަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައިގެންފައި ނުވާތީ ޖަލްސާ ނިންމަވާލައްވާ ކަމަށެވެ.
ކޯރަމް ހަމަކުރުމަށް ބޭނުންވާ އަދަދަކީ 22ވެ. މަޖިލިސް ޖަލްސާ ފެށުނުއިރު ބައެއް މެމްބަރުން ތަޅުމުގައި ތިއްބެވިއިރު، ގިނަ މެމްބަރުން ތިއްބެވީ މަޖިލީހުގެ ކުޑަދަށުގައެވެ.