މިހާރު ރާއްޖޭގެ އުޅަނދުފަހަރުގައި ތިބި ހުރިހާ ކެޕްޓަނުންނަކީ، ނިޔަމިކަމުގެ 1 ނުވަތަ 2ގެ ކޯސް ފުރިހަމަކޮށްގެން ތިބި ފަރާތްތައްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަޒީރު ވިދާޅުވީ، މެރިޓައިމް ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިދިޔަ އަހަރު ފެށިފައިވާކަމަށެވެ. އެގޮތުން މިދިޔަ އަަހަރުގެ މެރިޓައިމް ދުވަސް ފާހަގަކުރުމުގެ ގޮތުން، ނޯތު ހާބަރުގައި ހުރި 100އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފައި ވާކަމަށާއި، އެ އުޅަނދު ފަހަރުގައި ހުރި ކަންކަން ރަނގަޅުކުރުވައި، އުޅަނދުތައް ފުރުވާލާފައިވާކަމަށެވެ.
މީގެ އިތުރުން ނަޒީރު ވިދާޅުވީ، އުޅަނދުތައް ބަލައި ފާސްކުރާއިރު ފާހަގަކުރެވޭ މައިގަނޑު ކަންކަމަކީ، އުޅަދުފަހަރުގެ ކެޕްޓަނުންނާއި، ފަޅުވެރިންގެ ތައުލީމާއި ފެންވަރު ނެތްކަން ކަމަށެވެ. އެގޮތުން މިހާރު ވަކި ސިލަބަހެއް ތައާރަފްކުރެވި، އެ ސިލަބަހުގެ ތެރެއިން އެކަމަށް ކަނޑައެޅިފައި ހުންނަ އިންސްޓިޓިއުޝަން ތަކެއްގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދާކަމަށް ނަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އުޅަނދުފަހަރުގައި ތިބި ހުރިހާ ކެޕްޓަނުންނަކީ، ނިޔަމިކަމުގެ 1 ނުވަތަ 2ގެ ކޯސް ފުރިހަމަކޮށްގެން ތިބޭ ފަރާތްތައްކަމަށާއި، މި ކަންކަމުގެ ސަބަބުން ކުރިން ފާހަގަވާ މައްސަލަތަކާއި މިހާރު ފާހަގަވެގެންދާ މައްސަލަތަކުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނަކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު އިތުރަށް ވިދާޅުވީ، ކުރިން ކެޕްޓަނުން ތަމްރީން ހެދުމުގެގޮތުން ހަަމައެކަނި ތިއަރީ ޓެސްޓް އަދި ޕްރެކްޓިކަލް ހަދާކަމަށެވެ. އެހެން ނަމަވެސް މިހާރު ވަކި ސިލަބަހެއް ކަނޑައެޅި، ވަކި މޮޑިއުލްތަކެއްގެ ދަށުން ކެޕްޓަނުން ތަމްރީން ކުރާކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި މި ކޯސްތަކުގެ ތެރެއިން ކެޕްޓަނުންނަށް ހުރިހާ މައުލޫމާތުތަކެއް ވަރަށް ސާފުކޮށް އެނގޭކަމަށާއި، ގަވައިދުތައް އެނގި އެކަންކަމަށް ފަޅުވެރިންނާއި ކެޕްޓަނުން އަހުލުވެރިވަމުން ދާކަން ނަޒީރު ފާހަގަކުރެއްވިއެވެ. މި ތަމްރީންތަކުގެ ސަބަބުން ކުރިއާ އަޅައިބަލާއިރު މިހާރު ދިމާވާ ހާދިސާތައް މަދުކަމަށާއި، ކުރިއާލައި ދަތުރަށް ތައްޔާރުވެގެން ފުރާކަންވެސް ނަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މެރިޓައިމް ސޭފްޓީ ވީކުގެ ހަރަކާތްތައް އާދިއްތަ ދުވަހު މާލޭ ނޯތު ހާބަރުގައި ވަނީ ފަށާފައެވެ.