އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑުންވެސް ޕްރިމިއަރ ލީގުގައި މުހިއްމު މޮޅެއް ހޯދައިފިއެވެ.
މެނޗެސްޓަރ ޔުނައިޓެޑުން މޮޅެއް ހޯދީ 1-0 ން ބްރެންޓްފޯޑް އަތުން ބަލިވާން ދިޔަ މެޗެއްގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައިގެންނެވެ. 26 ވަނަ މިނިޓްގައި ޖެނެސްސެން ލަނޑުޖަހާ ބްރެންޓްފޯޑަށް ހޯދައިދިން ލީޑް ގެއްލުނީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައެވެ. އަދި މެޗު އަތުން ދޫވެ ޔުނައިޓެޑް ކުރި ހޯދީ އޭގެ ތިން މިނިޓް ފަހުން އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައެވެ. މެޗުގައި ތިން މިނިޓްގެ ތެރޭގައި ޔުނައިޓެޑްގެ ދެ ލަނޑުވެސް ޖެހީ މެކްޓޮމިނޭ އެވެ. ސްކޮޓްލެންޑްގެ މެކްޓޮމިނޭ ދެ ލަނޑުޖަހާ ޔުނައިޓެޑަށް މުހިއްމު މޮޅު ހޯދައިދިނީ ބެންޗުން އަރައެވެ. ދެވަނަ ލަނޑު ޖަހަން އެހީވީ ފާޑުކިއުން ބޮޑުވެފައިވާ ޑިފެންޑަރ ހެރީ މެގުއާ އެވެ.
ޗެލްސީން މޮޅެއް ހޯދީ ބާންލީ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗު ޗެލްސީން ކާމިޔާބުކުރީ 4-1 ނެވެ. ބާންލީއަށް ފުރަތަމަ ހާފްގައި ކުރި ހޯދައިދިނީ އޮޑޯބާޓް އެވެ. ޗެލްސީއަށް ނަތީޖާ ހަމަހަމަވީ ހާފް ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބައިކޮޅަށް ވަން ލަނޑަކުންނެވެ. ދެވަނަ ހާފްގައި ލީޑް ނަގައިދިނީ ސިޓީގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ޕަލްމާއެވެ. އޭނާ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޗެލްސީގެ ތިންވަނަ ލަނޑު ޖެހީ އިނގިރޭސި ގައުމީ ޓީމުން ފުރުޞަތު ގެއްލިފައިވާ ސްޓާލިންގ އެވެ. ފަހު ލަނޑު ޖެހީ ޖެކްސަން މާޓިނޭޒް އެވެ.
މިނަތީޖާތަކާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ އަށް މެޗުން 12 ޕޮއިންޓާއެކު 10 ވަނާގައެވެ. ޗެލްސީ އޮތީ 11 ޕޮއިންޓާއެކު 11 ވަނާގައެވެ.