2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ދުވަހެކެވެ. އޮޒްވާލްޑް ރީޑަސްއަށް ސްޓްރޯކެއް ޖެހުނެވެ. ސްޓްރޯކަށްފަހު ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ހިނގައިވެސް ނުގަނެވުނުތަނުގައި، ވާތް ގުޑުވާވެސް ނުލެވުނެވެ. ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ދޭ މީހުންގެ އެހީތެރިކަމަށް އެދި، ރީޑަސްގެ އަންހެނުން ފޯނުކުރީ، އިޖާބަ ދިނުމުގައި ރީޑަސްގެ ކިބައިން އުނި ކަންތައްތަކެއް ފާހަގަ ކުރެވުނު ހިސާބުންނެވެ.
އެއީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް. މެންދަމުން އަލިވެ 3 ޖަހާނީ އޭރު. އަންހެނުން ބުނެފި، އަހަރެން ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދައްކަޔޯ އެބަ. އެހެން ކިޔާފަ އޭނަ މި ބުނަނީ އަހަރެން ގާތު އަތް ހިއްލާލަބަލާށޭ. އެކަމަކު، އަހަންނަށް އެކަމެއް ނުކުރެވުނު. އެހެން މީހުންވެސް ހިތަށް އަރާ ގޮތަށް، ހިތަށް އެރީ އަތް މިއޮތީ އައްސިވެފައޭ.އޮޒްވާލްޑް ރީޑަސް؛ ސްޓްރޯކް ޕޭޝަންޓްއެއް
އޭގެ 9 އަހަރު ފަހެވެ. ރީޑަސްއަކީ ސްޓްރޯކް ޖެހިފައިވާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ ޕޭޝަންޓެކެވެ. ރީޑަސްއަކީ، ސިކުނޑީގައި ދައުރުވާ ރާޅުބާނީތަކުގެ އެހީގައި ހަރަކާތް ކޮންޓްރޯލްކުރާ ރޮބޮޓް އަތެއް، ގޭގައި ބޭނުންކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުނު ސްޓްރޯކް ޕޭޝަންޓެވެ. 6 ހަފުތާގެ މުއްދަތަށް ރޮބޮޓް އަތް ބޭނުންކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިފައެވެ. މި ކަމަކީ ރީޑަސްގެ އަތުގެ ހަރަކާތްތައް ރަނގަޅު ކުރުމަށް އެހީވެދޭނެ ފަރުވާއެއް ކަމަށް ޔުނިވަރސިޓީ އޮފް ހިއުސްޓަންއިން ބުނެއެވެ.
ދެން އަހަންނަށް މި ފެންނަނީ އޮޒްވާލްޑަށް ނުތެދުވެވިގެން އުޅޭ މަންޒަރު. އަހަރެން އަހައިފިން ކަލޭ ރަނގަޅުހޭ. އޭނަ އަޑެއް ލައްވާލީ. ދެން އަހަރެން އަހައިފިން ކޮން ނަމެއްހޭ ކަލެއަށް ކިޔަނީ... އަމިއްލަ ނަންވެސް ނުބުނެވުނު އޭނައަށް. އޭރުވެސް ތެދުވެވޭތޯ މަސައްކަތް ކުރަނީ ހަމަ. ދެން އަހަރެން ބުނެފިން، މި ގުޅަނީއޭ، 911 އަށް. ނޫން... ނޫން... ނޫން.. އަން.. އެކަހަލަ ގޮތަކަށް އޭނަ ދިޔައީ އަހަންނާ ޖަދަލުކުރަމުން. އަހަންނަށް ހީވަނީ، އޭނަ ހީކުރީ ކަންނޭނގެ، އެހެން ހުރެލާފަ ރަނގަޅު ވެދާނެއޭ. ދެން ސިއްހީ އެހީތެރިން އައިސް، އޭނަ ބަލާފަ، ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ. އެމީހުން އޭރު ބުނެފި ސްޓްރޯކެއް ޖެހިފައޭ.އެލިޒަބަތު ރީޑަސް؛ އޮޒްވާލްޑް ރީޑަސްގެ އަންހެނުން
ރީޑަސްއަށް ޖެހުނު ސްޓްރޯކްއާއެކު އޭނާގެ ހަށިގަނޑުގެ ވާތް ފަރާތުން ވާގި ދިޔައެވެ. އަދި ވާހަކަދެއްކުން ހުއްޓުމަކަށް އައެވެ.
ރީޑަސްއަކީ ފެޑްއެކްސްގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ރިޓަޔަރވެގެން ހުރި މީހެކެވެ. އެތައް އަހަރެއްގެ ތެރަޕީއަށްފަހު، އޭނާއަށް މިހާރު ވާހަކަދައްކައި އުޅެވެއެވެ. ނަމަވެސް ސްޓްރޯކްގެ ސަބަބުން ކުރިމަތިލާން ޖެހުނު އިތުރު ބަލިމަޑުކަމެއްގެ ސަބަބުން، ވާހަކަދެއްކުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރެއެވެ. ރީޑަސްއަށް އޭނާގެ ވާތް ބޭނުންކުރެވެނީ ކޮންމެވެސް ވަރަކަށެވެ. ހިނގާބިނގާވެ އުޅެނީ ވާތު ފަޔަށް ލައްވާ މަސްނޫއީ އެހީތެރިކަމަކާ އެކުގައެވެ.
ރީޑަސްގެ މަންމައާއި ކޮއްކޮވެސް މި ދުނިޔެއާއި ވަކިވެ ދިޔައީ ސްޓްރޯކް ޖެހިގެންނެވެ. އެކަމަކީ، ޔުނިވަރސިޓީ އޮފް ހިއުސްޓަންއިން ކްލިނިކަލް ޓްރަޔަލް މަރުހަލާގައި ތަޖުރިބާކުރަމުން ދިޔަ އައު ޑިވައިސް ބޭނުންކުރުމަށް އޭނާއަށް ލިބުނު ހިތްވަރަކަށް ވިއެވެ. ރީޑަސް ބޭނުންކުރަމުން ދާ ހެޑްސެޓަކީ އޭނާގެ ސިކުނޑީގައި ދައުރުވާ ރާޅުބާނިތައް ނަގައިގަންނަ ގޮތަށް ފަރުމާކޮށްފައިވާ ހެޑްސެޓެކެވެ. ސިކުނޑީގައި ދައުރުވާ ރާޅުބާނިތަކުން ދޭ މެސެޖު، އެއާ ގުޅިފައިވާ ރޮބޮޓް އަތަށް ފޯރުކޮށްދެއެވެ. ހެޑްސެޓް އަޅައިގެން ހުންނަ މީހާ އަތް ގުޑުވާލަން ބޭނުންވުމުން، އެކަމާ އޭނާ ވިސްނާލުމާއެކު ހެޑްސެޓުން އެ މެސެޖު ދެނެގަންނަނީ ރާޅުބާނިތަކެއްގެ ގޮތުގައެވެ. އަދި އަތް ގުޑުވަން ބޭނުންވި ގޮތުގެ އިރުޝާދު، ރޮބޮޓް އަތަށް ފޮނުވާލައެވެ.
ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސްއާއި އޭގެ 5 އިލެކްޓްރޯޑްސް ހުންނަނީ އަޅައިގެން ހުންނަ މީހާގެ ބޮލުގެ ހަންގަނޑުގައެވެ. ސިކުނޑިން ފޮނުވާ ކުދިކުދި އިޝާރާތްތައް ނުވަތަ އިލެކްޓްރިކަލް އިމްޕަލްސަސް (ރާޅުބާނިތައް) ނަގައިގަނެ، ވަޒަން ކުރުމުގެ މަރުހަލާއަށް ކިޔަނީ އިލެކްޓްރޯއެންސެފަލޯގްރަފީ (އީއީޖީ) އެވެ. އިލެކްޓްރޯއެންސެފަލޯގްރާމް (އީއީޖީ) އަކީ ބޮލުގެ ހަންގަނޑުގައި ހަރުކޮށްފައިވާ ކުދި ޑިސްކް (އިލެކްޓްރޯޑް) ބޭނުންކޮށްގެން ސިކުނޑީގެ ހަރަކާތްތައް ވަޒަންކުރާ ޓެސްޓެކެވެ. ސިކުނޑީގެ ސެލްތައް މުއާމަލާތުކުރަނީ އިލެކްޓްރިކަލް އިމްޕަލްސް މެދުވެރިކޮށް ކަމަށް ވާއިރު، ހުރިހާ ވަގުތެއްގައިވެސް ހަރަކާތްތެރިވެއެވެ. ނިދާއިރުވެސް މެއެވެ. އީއީޖީ ރެކޯޑިންގެއްގައި މި ހަރަކާތްތައް ފެންނަން ހުންނާނީ ރާޅުބާނީތަކެއްގެ ގޮތުގައެވެ.
ރީޑަސްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދެމުންދާ ހެޑްސެޓް ފަރުމާކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ޔުނިވަރސިޓީ އޮފް ހިއުސްޓަންގެ އިންޖިނޭރިންގ ޕްރޮފެސަރ، ހޯޒޭ ކޮންތްރެރާޒް ވިދާލްއެވެ. ޕްރޮފެސަރ ވިދާލް ފާހަގަކުރި ގޮތުގައި މި ގޮތަށް މި ހެޑްސެޓް ބޭނުންކުރުމުން، ސްޓްރޯކް ޖެހިފައިވާ ޕޭޝަންޓުގެ ސިކުނޑީގައި ހަލާކުވެފައިވާ ނާރުތައް އެހެން ރާސްތާއަކުން ގުޅައިދިނުމަށް އެހީވެދެއެވެ. އަދި ވާގިނެތި، ހަރަކާތްތައް ހުއްޓިފައިވާ ގުނަވަންތަކަށް އަލުން ހަރަކާތްތައް ލިބެން ފަށައެވެ. އެއީ ނިއުރޯޕްލާސްޓިސިޓީގެ މަރުހަލާއެވެ.
މަސްނޫއީ އަތެއް ނޫނީ ރޮބޮޓް އަތަކާ ހެޑްސެޓް ގުޅާފައި އޮތުމަކީ، ސްޓްރޯކް ޖެހިފައިވާ މީހުންނަށް ގޭގައިވެސް ފަރުވާ ކުރިއަށް ގެންދިއުމަށް ލިބޭ އެހީއެކެވެ.
ހެޑްސެޓް ތަޖުރިބާގެ މަރުހަލާގައި އިސްކޮށް ހަރަކާތްތެރި ވަނީ ޔޫޓީހެލްތުގެ ސްޓްރޯކް ރީހެބިލިޓޭޝަން ޑޮކްޓަރެއް ކަމަށްވާ، ޑރ. ޖެރާޑް ފްރާންޗެސްކޯއެވެ.
ތަޖުރިބާގެ ފަންނީ މާހިރުން ފާހަގަކުރާގޮތުގައި، މި ހެޑްސެޓަކީ ސްޓްރޯކް ޖެހިފައިވާ ޕޭޝަންޓުންނަށް ފިޒިކަލް ތެރަޕިސްޓުންގެ ފަރާތުން ލިބެމުންދިޔަ ފަރުވާއަށް ހޯދައިދޭނެ އިންގިލާބީ ބަދަލެކެވެ.
އޭނާގެ ތަޖުރިބާތައް ހިއްސާކުރަމުން ރީޑަސް ކިޔައިދިންގޮތުގައި، ސްޓްރޯކަށްފަހު އޭނާ ވަނީ ޑިޕްރެޝަންގައި 8 އަހަރު ދުވަސް ހޭދަކޮށްފައެވެ.
އަހަރެން ދެން ދުވަހަކުވެސް ދުޅަހެޔޮކަން ބޭކާރުގޮތުގަ ބޭނުމެއް ނުކުރާނަން. މިއަދު އަހަރެންގެ ހަށިގަނޑުގެ ވާތްފަޅީގެ ބާރު މި ވަނީ ގޮސްފަ. ހިނގެނީ ކޮރެއް ޖަހަމުން، އަސާގަނޑެއް ހިފައިގެން. އެހީއަކާ ނުލާ، ގޭ ބިއްދޮށަށްވެސް ޖެހިނުލެވޭ. އާންމު ފިރިހެނުން ކޮށްއުޅޭ ކަހަލަ މަސައްކަތްތައް ކޮށެއް ނޫޅެވޭ. އޭސީ ފިލްޓަރު ބަދަލުކޮށްލާ ހެދުން ކަހަލަ ކަމެއް ނުކުރެވޭ. ހަރުގަނޑަކަށް އަރައެއް ނުލެވޭ. މިހާރު އެކަހަލަ އެއްވެސް ކަމެއް ނުކުރެވޭ. އެފަދަ ގާބިލު ކަމެއް ނެތް އަހަރެންގެ ހަށިގަނޑަކު.އޮޒްވާލްޑް ރީޑަސް؛ ސްޓްރޯކް ޕޭޝަންޓްއެއް
އޭނާގެ އެކަހެރި ދިރިއުޅުމުން ނުކުތުމަށް އެހީއަކަށް ވީ، ސްޓްރޯކް ޖެހުމަށް ފަހުގައިވެސް ފުރާނަ ސަލާމަތްވި އެހެން ޕޭޝަންޓުންނާ ބައްދަލުކޮށް ހެދުމުގެ އިތުރުން، ޑިވައިސްގެ ތަޖުރިބާގައި ބައިވެރިވެވުންކަން، ރީޑަސް ފާހަގަކުރެއެވެ.
ކަން މިހެން އޮތް ނަމަވެސް، އާންމު ޕޭޝަންޓުންނާ ހަމައަށް މި ޑިވައިސް އަންނަން އަދި ވަރަށް ދިގު ރާސްތާއެއް އެބަ އޮތެވެ. އަގު އުޅޭނެކަމަށް ބެލެވެނީ، އައު ކޮމްޕިއުޓަރަކާ ދާދި އެއްވަރު ރޭންޖެއްގައެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ހުއްދައަށް އެދި ހުށަހަޅާނީ އަދިވެސް ދިރާސާގެ ތަޖުރިބާތައް ކުރުމަށްފަހު ކަން، ޕްރޮފެސަރ ވިދާލް ވަނީ ފާހަގަކުރައްވާފައެވެ.