ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 13:53
އޭޖް ކެއަރ މޯލްޑިވްސް
އޭޖް ކެއަރ މޯލްޑިވްސް
ރާއްޖެއެމްވީ
އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ މައްސަލަތައް
އުުމުރުން ދުވަސްވީ މީހުން ބެލުމަށް ސަރުކާރާއި ހަވާލުކުރުން ވެގެންދަނީ އެ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އެކަނިވެރިކަމެއްގެ ގޮތުގައި: އޭޖް ކެއަރ މޯލްޑިވްސް
މަރުކަޒުތަކަށް ފޮނުވާލުމަށްފަހު އާއިލާތަކާއި އޮންނަ ގުޅުން އެކޮށް ކެނޑިގެންދޭ
ސަރުކާރާއި ހަވާލުކުރި ކަމުގައިވީނަމަވެސް އެ ފަރާތްތަކާއި ގުޅުން ބޭއްވުން މުހިއްމު
ބައްދަލުކުރުމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ އާއިލާގެ ފަރާތުން ނުގުޅާކަމުގެ ޝަކުވާ

އުުމުރުން ދުވަސްވީ މީހުން ބެލުމަށް ސަރުކާރާއި ހަވާލުކުރުން ވެގެންދަނީ އެ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އެކަނިވެރިކަމެއްގެ ގޮތުގައިކަމަށް އޭޖް ކެއަރ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ރާއްޖެ ޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އޭޖް ކެއަރ ގެ ޑިރެކްޓަރ ރަޒީނާ ތުއްތު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ މައިގަނޑު މައްސަލަތަކަކީ، އެމީހުންނަށް ހެލިފެލިވެ، ބޭރަށް ނިކުމެ އުޅެވޭނެކަހަލަ މާހައުލެއް ގާއިމްވެފަ ނެތުމާއި، ބީދޭސީންގެ އަތްމަށްޗަށް އެމީހުންގެ ކަންކަން ދޫކޮށްލައިގެން ތިބުންކަމަށެވެ.

އެއް ކަމަކީ މިހާރު އާބާދީވެގެން އަންނަ އިރުގައި މި ހުންނަނީ ބުރި ބުރިއަށް. ދެން އެއްކަމަކީ ސިޑި ހުރެފަ އެމީހުންނަށް އެކްސެސް ނުލިބުން ފައިބަން. އެއީވެސް ދިމާވާ މައްސަލައެއް. އަނެއްކަމަކީ މިހާރު މިއޮތީ ނިއުކްލިއަރ ފެމެލީއަށް ގޮއްސަ. ދެން އާއިލާ ތެރޭގައި މި އިންނަނީ ދެ ކޮޓްރިއަށް. ދެން ގިނަ ފަހަރަށް އުމުރުން ދުވަސްވީ މައިންބަފައިން ނޫނީ މާމަ ކާފަ އަށް ޖާގައެއްނުހުރެ. ދެން ދެމީހުންވެސް ހަމަ މަސައްކަތްކޮށްގެން ލާރި ހޯދައިގެން އުޅެން މި ޖެހެނީ. އެހެންކަމަށްވާތީވެ މި ޖެހެނީ ބިދޭސީއެއްގެ އަތްމައްޗަށް އުމުރުން ދުވަސްވީ މީހުން ދޫކޮށްލާފަ ދާން. އެއީ މައްސަލައެއް ނޫން. އެހެންނަމަވެސް ވާނުވާ ބަލަހައްޓަން ވާނެ. އެއީ ގިނަ ފަހަރަށް އޭނަ އަކީ ބަސް އެނގޭ މީހެއް ނޫން. ދެން އުމުރުން ދުވަސްވީ މީހުންނަށް ގިނައިން ވާހަކަދައްކާ މުއާމަލާތުނުކުރެވޭކަމަށް ވަނީނަމަ ހަނދާންނެތޭ ބަލި ނޫނީ ވާހަކަ ދައްކަން ދަތިވުމުގެ މައްސަލަ ދިމާވޭ. ނަފްސާނީ ގޮތުން ދިމާވާ މައްސަލަތައްވެސް ހިމެނޭ.
އޭޖް ކެއަރ ގެ ޑިރެކްޓަރ ރަޒީނާ ތުއްތު

އޭޖް ކެއަރ ގެ ފައުންޑަރ މެމްބަރ އަދި ސީއީއޯ ޑރ. އާމިނަތު ޖަމީލް ވިދާޅުވީ، ދުވަސްވީ މީހުންނާއިއެކު އާއިލާއިން ވަގުތު ހޭދަނުކުރުމުން އެމީހުންނަށް އެކަނިވެރިކަމާއި، މާޔޫސްކަމާއި ކުރިމަތިލާންޖެހޭކަމަށެވެ.

އެކަނި އެހެން ހުންނަންޖެހުނީމަ މާޔޫސްވުމާއި ޑިޕްރެޝަންއަށް ދާނެ. އާއިލާ ތެރޭގައި ވާހަކަދައްކާލާ ވަގުތު އޮންނަނީ ނުހޯދިފަ. އަސްލުގަ ހޯދޭނެ، ހޯދަން އުޅެންޏާ. ކިތަންމެ މަސައްކަތުގައި އުޅުނަކަސް. އެހެންނަމަވެސް ކުޑަ ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޯދަން އެބަ ޖެހޭ. އެހެންވީމާ އެކަނިވެރިކަން މާބޮޑަށް އިހުސާސްވާނެ.
އޭޖް ކެއާރ ގެ ފައުންޑަރ މެމްބަރ އަދި ސީއީއޯ ޑރ. އާމިނަތު ޖަމީލް

މީގެއިތުރުން އާމިނަތު ޖަމީލް ވިދާޅުވީ، އުުރުން ދުވަސްވީ މީހުން ބެލުމަށް ސަރުކާރާއި ހަވާލުކުރުން ވެގެންދަނީ އެ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އެކަނިވެރިކަމެއްކަމަށެވެ. އެގޮތުން، އެފަދަ މަރުކަޒުތަކަށް ފޮނުވާލުމަށްފަހު އާއިލާތަކާއި އޮންނަ ގުޅުން އެއްކޮށް ކެނޑިގެންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އުމުރުން ދުވަސްވީ މީހުން ނުބެލި، ސަރުކާރާއި ހަވާލުކުރި ކަމުގައިވީނަމަވެސް އެ ފަރާތްތަކާއި ގުޅުން ބޭއްވުމަށް އާމިނަތު ޖަމީލްވަނީ އެދިލައްވާފައެވެ.

އާމިނަތު ޖަމީލް އިތުރަށް ވިދާޅުވީ، އެ ސޮސައިޓީގެ ފަރާތުން އެ މީހުންނާއި ބައްދަލުކުރުމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ އާއިލާގެ ފަރާތުން ނުގުޅާކަމާއި، އެއްވެސް ގުޅުމެއް ނުބަހައްޓާކަމުގެ ޝަކުވާތައްކަމަށެވެ. އަދި މިކަންކަމަކީ ވަރަށް ކަންބޮޑުވާ ކަންކަމުގެ ގޮތުގައި އާމިނަތު ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

އޭޖް ކެއަރ މޯލްޑިވްސް އަކީ ސިއްހަތު ރަނގަޅަށް ހަރަކާތްތެރިވެތިބެ ދުވަސްވުމަށް ދިއުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އަދި މި ޖަމިއްޔާގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތް ޕްރޮގްރާމްތަކާއި، އެ އުމުރުގެ މީހުން އެއްވެ މައުލޫމާތު ދިނުމުގެ ސެޝަން ފަދަ ކަންކަން ކުރިއަށް ގެންދެއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް