އީރާންގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަރުގިސް މުހައްމަދީ އަށް ނޯބެލް ސުލްހައިގެ އިނާމު ލިބިއްޖެ އެވެ. ނޯބެލް ކޮމިޓީގެ ވެރިޔާވަނީ އީރާންގައި އަންހެނުންގެ މިނިވަންކަމާދެކޮޅަށް ހިންގާހަރަކާތްތަކާ ކުރިމަތިލާ ނަރުގިސް ކުރަމުންދާ ހިތްވަރަށް ތައުރީފް ކުރައްވާފައެވެ. އަދި އޭނާއަކީ ފްރީޑަމް ފައިޓަރ އެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ނަރުގިސް މުހައްމަދީ މިހާރުވެސް ދަނީ އީރާންގެ މަޝްހޫރު އެވިން ޖަލުގައި ދިގު ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ. ނޯބެލް ކޮމިޓީން ވަނީ އޭނާއަށް ލިބުނު އިނާމާ ގުޅިގެން އޭނާ އަވަހަށް ދޫކޮށްލާ، ޑިސެމްބަރުމަހު އޮންނަ އިނާމު ހަވާލުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުތަތު ދޭނެކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.
އީރާންގައި އަންހެނުންގެ މިނިވަން ކަމަށް ހުރަސްއަޅާ ސަރުކާރުން އަޅަމުންގެންދާ ހަރުކަށިފިޔަވަޅު ތަކާދެކޮޅަށް އަންހެނުން ނިކުމެ މުޒާހަރާކުރަމުން ގެންދާތާ މިހާރު އަހަރެއްހާދުވަސް ވަނީ ވެފައެވެ. ނަރުގިސްގެ އާއިލާއިންވެސް ވަނީ މިލިބުނު އިނާމަކީ އީރާންގެ އަންހެނުންގެ ޖިހާދަށް ލިބުނު ތާރީޚީ އަދި އެހާމެ މުހިންމު އިނާމެއް ކަމަށް ބުނެފައެވެ. ނަމަވެސް މި އުފަލުގައި ނަރުގިސްއަށް އަމަލީ ގޮތުން ބައިވެރި ނުވެވޭތީ ހިތާމަކުރާކަމަށް އާއިލާއިން ބުނެފައި ވެއެވެ.
އާއިލާއިންމިހާރު ކުރިޔަށް ގެންދާ ނަރުގިސްގެ އިންސްޓަގްރާމް ޕޭޖްގައި ލިޔަމުން އޭނާގެ އާއިލާއިން ވަނީ އެއިނާމަކީ އިރާންގެ ހުރިހާ ރައްޔިތުންނަށް ނިސްބަތްވާ އިނާމެއްކަމުގައި ބުނެފައެވެ. ޚާއްސަކޮށް އަންހެނުންގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހިއްވަރުގަދަ އަންހެނުންގެ ހައްގެއްކަމަށް ބުނެފައި ވެއެވެ.
ނަރުގިސް މުހައްމަދީގެ ކާމިޔާބާ ގުޅިގެން އެކިފަރާތްތަކުން ގެންދަނީ ތަހުނިޔާ ކިޔަމުންނެވެ.