ރާއްޖޭގައި އަންނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން ޑިމޮކްރެޓިކް ޖާގަ ގާއިމުކުރުމަށް ބާރު އަޅާނެ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަރަކާތްތަކަށް އޮތް މާހައުލާއި ސިޔާސީ އަދި މަދަނީ ހައްގުތައް އިތުރަށް ފިއްތާ ބާރުކުރުމަށް ދިވެހި ސަރުކާރުން ފިޔަވަޅު އަޅަމުންދާއިރު، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް 2017 ގައި ވެސް ފައުޅުކުރަމުން ގެންދާނެ ކަމަށެވެ.
"ދިވެހި ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާ އަދި ޖަމާއަތްކަކާއި މީޑިއާއަށް ހާމަކޮށްނާއި ނޫންކޮށް މިނިސްޓަރުންނާއި ސީނިއާ އޮފިޝަލުން މެދުވެރިކޮށް ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ދާއިރާގައި އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް 2017 ގައި ވެސް ފައުޅުކުރަމުން ގެންދާނަމެވެ. އަދި 2017 ގެ ލޯކަލް ކައުންސިލް އިންތިހާބު އަދި 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިން ޑިމޮކްރެޓިކް ޖާގަ އާއި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް އިނގިރޭސި ވިލާތުން ބާރު އަޅަމުންދާނަމެވެ،" ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ތިން ބާރު މިހާރު މަސްހުނިވެފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޖަލަށް ހުކުމްކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށް ލާފައިވަނީ އޭނާގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގަ އެވެ.
އިދިކޮޅު ފަރާތްތައް ޖަލަށް ލާފައިވާއިރު، އިނގިރޭސި ވިލާތުން ފާހަގަކޮށްފައިވާ ގޮތުގައި އެ ޝަރީއަތްތަތަކީ ދެފުށްފެންނަ ގޮތަށް ހިންގާފައިވާ ޝަރީއަތްތަކެއް ނޫން ކަމަށާއި އެއީ އަދުލު އިންސާފުގެ ނިޒާމުގެ މުސްތަގިއްލުކަމާއި ޝަރީއަތުގެ ހަމަތަކާއި އިޖުރާއުތަކާއި ޚިލާފަށް ހިންގުނު ޝަރީއަތްތަކެއް ކަމަށެވެ.
ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކުގައި މި ސަރުކާރުން އޮބި އަޅަމުންދާކަން ފާހަގަ ކުރައްވައި ރިޕޯޓްގައި ބަޔާންކޮށްފައި ވަނީ އަބުރު ހިމާޔަތްކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ ގާނޫނެއް ފާސްކުރުމުގެ ސަބަބުން ނޫސްވެރިންނާއި އަމިއްލަ ޖަމިއްޔާ/ޖަމާއަތްތަކަށް ހަރަކާތްތެރިވުމަށް އޮތް ޖާގަ ވަނީ އިތުރަށް ކުޑަވެފައެވެ. ބައެއް ނޫސްވެރިން ހައްޔަރުކޮށްފައިވާއިރު، ބައެއް ނޫސްތަކުގެ އޮފީސް ބަލާ ފާސްކޮށް ބިރުދައްކާ އަދި ބަންދުކުރުވާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ. އަބުރުގެ ގާނޫނުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަން އިންތިހާއަށް ހަނިކޮށްފައިވާ މައްސަލައިގައި ވެސް އިނގިރޭސި ވިލާތުން ކަންބޮޑުވެ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުން މިނިވަންކަމާއި ހަމަހަމަކަމުގެ އުސޫލުގެ މަތިން މުޖުތަމައުތައް ތަރައްގީ ކުރުމަށާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި އިންސާނީ ހައްގުތައްފަދަ އަގުތައް ހިފަހައްޓާ ކުރިއެރުވުމަށް އެޅުނު ހުރަހެއްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، މަރުގެ ހުކުމް ތަންފީޒުކުރުމަކީ ވެސް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.