ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ބުދަ ދުވަހު ނެރުނު އަމުރު ބާތިލް ކުރުމަށް އާދިއްތަ ދުވަހު ހައި ކޯޓްގައި އިސްތިއުނާފު ކުރާނެ އޭނާގެ ޤާނޫނީ ޓީމުން ހާމަކޮށްފިއެވެ.
ގާނޫނީ ވަކީލް މައުމޫނު ހަމީދު ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ވިދާޅުވީ ފާރިސް ހައްޔަރުކޮށް ބަހައްޓާފައި ހުރީ ވެސް ގާނޫނު ހުއްދަ ކުރާ ތަނެއްގައި ނޫން ކަން ޖަލުތަކާ ޕެރޯލްގެ ގާނޫނާއި އެންޓި ޓޯޗާ ގާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމުގައި ވެސް އިޖުރާއަތްތަކާ ހިލާފު އެތައް ކަމެއް ހިންގާފައިވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
ފާރިސް ހައްޔަރުގައި ބެހައްޓަން ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނާއިރު ދައުލައުލަތުން ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ ސިއްރު ހެއްކެއް ކަމަށްވެފައި އެ ހެއްކަށް ނުފޫޒު ފޯރުވާނީ ކިހިނެތްތޯ މައުމޫނު ހަމީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ސިއްރުން ހެކިބަސްދިން މީހާގެ ބަޔާން ނައްތާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަހްމަދު ފާރިސްއަކަށް. އެ ބަޔާން ނައްތާލެވޭނީ ހަމައެކަނި ފުލުހުންނަށް. އަހްމަދު ފާރިސްގެ ބާރުގެ ދަށަކު ނޫން އެ ބަޔާން އޮތީކީ. އެ ބަޔާންދިން މީހާއަކީ ކާކުކަން އަހްމަދު ފާރިސް މައުމޫނަކަށް އެނގިވަޑައިއެއް ނުގަންނަވާ. އެހެންވީމަ އެމީހަކަށް ނުފޫޒު ފޯރުވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" މައުމޫނު ހަމީދު ވިދާޅުވި އެވެ.
މީގެ އިތުރުން ފާރިސް ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައި ވަނީ ވެސް އަދި އެ އަމުރު ނެރެ، ތަންފީޒު ކޮށްފައި ވަނީ ވެސް މަޖިލިސް ގަވައިދާ ހިލާފަށް ކަމަށް ވަކީލުން ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ނ)ގައި ބަޔާން ކުރާނެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ފާރިސްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިސް ސިއްރުން ކުރިއަށް ގެންދިއުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އެފަދަ މަޖިލިސްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެން ކަމަށެވެ.
އެހެން ނަމަވެސް މަޖިލިސް ސިއްރުކޮށްފައިވާއިރު އެގޮތަށް ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލާގެ ތަހްގީގާ ގުޅުވައިގެން ފުލުހުން ތިން އަމުރެއް ހޯދިއިރު އެ އަމުރުތައް ނެރެފައިވަނީ އެކި ގާޒީން ކަމަށެވެ. އެގޮތުން ފޯނު ހިފެހެއްޓުމާއި ގެ ބަލާ ފާސްކުރުމު އަމުރު އެއް ގާޒީއަކު ނެރުނުއިރު ފާރިސް ހައްޔަރު ކުރުމުގެ އަމުރުގެ ނެރުނީ އެހެން ގާޒީއެއް ކަމަށާއި އެއީ އިޖުރާއަތްތަކާއި ހިލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މައުމޫނު ފާހަގަ ކުރެއްވި އެވެ.
ފާރިސްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިކަން ކަން ފާހަގަ ކުރި ނަމަވެސް ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ ޖިނާއީ ކުށްތަކާ ގުޅުވައި، އޭނާ މައްޗަށް ހިންގާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
ފާރިސް ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކޮށްފައި ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި 45 މާއްދާގައި ބަޔާން ކުރާގޮތުން ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫނަސް މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަލަށް ގެންދަންވާނެ ކަމަށާއި، އެހެން ނަމަވެސް އަހަމަދު ފާރިސް ދިރިއުޅުއްވާ ގެއިން އޭނާ ހައްޔަރު ކޮށްގެން ގެންދެވީ ސީދާ ދޫނިދޫއަށް ކަމުން މާލޭގެ އެއްވެސް ޕޮލިސް ސްޓޭޝަނަށް ގެންދަވާފައެއް ނުވާ ކަމަށް ވަކީލުން ފާހަގަކުރިއެވެ.
ފާރިސް މައުމޫނު ވަނީ ބުރާސްފަތި ދުވަހު މާފުށީ ޖަލަށް ބަދަލުކުރައްވާފައެވެ. ދޫނިދޫގައި ބެހެއްޓެވުމަށް ފަހު ފާރިސް މާފުއްޓަށް ބަދަލުކޮށްފައިވާއިރު އެއީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.