Advertisement
ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 10:50
ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ޕީޕީއެމް އަށް ސޮއި ކުރެއްވި ފޯމް ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރައްވަނީ
ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ޕީޕީއެމް އަށް ސޮއި ކުރެއްވި ފޯމް ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރައްވަނީ
ރާއްޖެއެމްވީ
އަހްމަދު މަޙްލޫފު
ރައީސް ޔާމީން ޕާޓީ ބަދަލުކުރެއްވި ކަމެއް ހަނދުމަފުޅެއް ނެތް: މަހްލޫފް
ރައީސް ޔާމިން ދުނިޔެއާއި ގުޅުންވެސް ކެނޑިފައި ހުންނެވި ބޭފުޅެއް
އީސީގެ މެމްބަރުންނަށް ލިޔަން ކިޔަން ނޭނގޭ
މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން

ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމިން މެމްބަރަކަށް ހުންނެވިރު ޕާޓީ ބަދަލުކުރުން މައްސަލައަކަށް ނުވި ކަމަށާއި އެމަނިކުފާނު ޕާޓީ ބަދަލުރެއްވި ދުވަސްމަތިން ހަނދުމަނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހްލޫފު ވިދާޅުވީ  މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި ރައީސް ޔާމިންވަނީ ޑީއާރްޕީގައި ހުންނެވުމަށްފަހު، ޕީއޭއަށް ބަދަލުވުމަށްފަހު ދެން ސޮއިކުރެއްވީ ޕީޕީއެމްއަށް ކަމަށާއި އެދުވަހު ޕާޓީ ބަދަލުކުރެއްވުމަކީ މައްސަލައެއް ކަމަށް ނުވި ކަމަށެވެ.

 

ރައީސް ޔާމިން ދައްކަވާ ވާހަކަ ރައްޔިތުން ޤަބޫލުކުރައްވާނެ ކަމަށް އެމަނިކުފާނަށް ހީފުޅުކުރެއްވިދާނެ ކަމަށާއި އެހެން އެވަނީ ރައީސް ޔާމިންއަށް މައުލޫމާތުދެއްވަން ތިއްބަވަނީ ވަރަށް ކުޑަ ޓީމެއް ކަމަށާއި ރައްޔިތުންނަކީ ގަމާރުން ކަމަށް ރައީސް ޔާމިން ދެކެވަޑައިގަންނަވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

 

ގައުމުގެ ރައްޔިތުންނާއި ގައުމުގެ ކަންކަން ހިނގާ ގޮތް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ދުނިޔެއާއި ގުޅުންވެސް ކެނޑިފައި ހުންނެވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

 އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން މަޙްލޫފު ވިދާޅުވީ ދިވެހި ބަހުން ލިޔެފައި އޮތް ޤާނޫނު އަސާސީވެސް އެކޮމިޝަންގެ މެމްބަރުންނަށް ލިޔަން ކިޔަން ނޭނގޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.

 

ސުޕްރީމު ކޯޓުން ނެރުނު އަމުރުންވެސް މެމްބަރުންގެ ގޮނޑި ނުގެއްލޭނެކަން ސާފުވާއިރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އެކޮމިޝަންގެ މެމްބަރުންގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް މަޙްލޫފު ވިދާޅުވިއެވެ.

 

މިޕޮރޮގްރާމްގައި ރައީސް ޔާމިން ކަންކަން ކުރައްވާގޮތަށްވެސް މަޙްލޫފުވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގައި ޑރ. އަފްރާޝީމްގެ އަނބިކަނބަލުންނާއި ހަވާލުވެވަޑައިގަތުމަށް ރައީސް ޔާމިން އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީނަށް ދެންނެވި ކަމަށް މަޙްލޫފު ވިދާޅުވިއެވެ.

 

އެހެން ރައީސް ޔާމިން ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކާއި ދިމާކޮށް ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅިގެން އެދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި އިބްރާހިމް އަމީނާއި ހިތްޕުޅު ހަމަޖެހިވަޑައިނުގެން އަމީނާއި ވާހަކަދެއްކެވި ވާހަކައެއްގައި ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.  

 

އަދި ވޯޓް އޮތް ދުވަހު މަޖިލީހަށް ވަޑައިނުގެންނެވުނީ ޑރ.އަފްރާޝީމްގެ އާއިލާގެ ޒިންމާތައް ބަލަން ޖެހުމުގެ ސަބަބުން ކަމަށް ރައީސް ޔާމިންއަށް ދެންނެވި ކަމަށާއި އެހެން ވިދާޅުވުމާއި އެކު ޑރ. އަފްރާޝީމްގެ އަނބިކަނބަލުންނާއި ހަވާލުވެވަޑައިގަތުމަށް އަމީން އަރިހުގައި ވިދާޅުވި ކަމަށް މަޙްލޫފު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް