ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 18:53
ބެންގކޮކްގެ މޯލްގައި ބަޑިޖެހި ކުއްޖާ ހައްޔަރުކުރަނީ
ބެންގކޮކްގެ މޯލްގައި ބަޑިޖެހި ކުއްޖާ ހައްޔަރުކުރަނީ
ބީބީސީ
ތައިލަންޑްގެ މޯލެއްގައި ބަޑިޖެހުން
ބެންގކޮކްގެ މޯލެއްގައި 14 އަހަރުގެ ކުއްޖަކު ބަޑިޖަހައި 2 މީހުން މަރާލައިފި
ބިދޭސީއަކާއި އިތުރު ހަތަރު މީހުން މިހާދިސާގައި ޒަޚަމްވެފައިވޭ

ތައިލަންޑްގެ ވެރިރަށް ބެންގކޮކްގެ ލަގްޒަރީ ޝޮޕިންގ މޯލެއްގައި 14 އަހަރުގެ ކުއްޖަކު ބަޑިޖަހައި، 2 މީހުން މަރާލައިފިއެވެ. ބިދޭސީއަކާއި އިތުރު ހަތަރު މީހުން މިޚާދިސާގައި ޒަޚަމްވެފައި ވެއެވެ. ބަޑިޖެހި ކުއްޖާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ކުރިން އޭނާވަނީ ފުލުހުންނަށް އަމާން ދީފައެވެ. ހަމަލާދިނުމަށް މިކުއްޖާ ބޭނުންކޮށްފައިވަނީ ހޭންޑް ގަންއެއް. ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއަދު ބަޑީގެ ހަމަލާ ހިންގި، ބެންގކޮކްގެ މެދުތެރޭގައި ހުންނަ ސަޔަމް ޕެރަގޮން ޝޮޕިންގމޯލްގައި އެވަގުތު ވަރަށް ގިނަ މީހުން ބާޒާރު ކުރުމަށް ހަރަކާތްތެރިވަމުން ގެންދިޔައެވެ. ހާދިސާ ހިނގުމާއެކު ވަގުތުން ހާލަތު ސެކިއުރިޓީގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ދޮރުތައް ލައްޕައިހެދިކަމަށް ޚަބަރު ލިބެއެވެ.

ބައެއް މީހުން ސޯޝަލް މީޑިޔާއަށް ލާފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި، މޯލްގެ ތެރޭގައި ހަތަރު ފަހަރު ބަޑިޖަހާ އަޑު އިވެއެވެ. އެއާއެކު މީހުންތައް އަވަހަށް އެތަނުން ނިކުތުމަށްޓަކައި ހަރަކާތްތެރިވާ ތަން ފެނެއެވެ. ބައެއްމީހުން ފިހާރަތަކާއި ފާޚާނާތަކުގައި ފިލާފައި ވެއެވެ.

ހާދިސާއަށްފަހު ބޮޑުވަޒީރު ވަނީ ޒަޚަމްވި މީހުންނަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ތައިލަންޑްގެ މި ސަރަހައްދުގައި ބަޑި ގެންގުޅުމުގެ ލައިސަންސްގެ އަދަދު ނިސްބަތުން ގިނަނަމަވެސް، މިފަދަ "މާސް ޝޫޓިންގ"ތައް ހިނގާލެއް ވަރަށް މަދުކަމަށް ޚަބަރުތައް ބުނެއެވެ.

ފުލުހުންގެ ތެރޭގައި ކުރިން އުޅުނު މީހަކު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބަޑިންނާއި ވަޅިން ހަމަލާދީ 37 މީހުން މަރާލާފައި ވެއެވެ. އަދި 2020 ވަނައަހަރުވެސް ސިފައިންގެ މީހަކު ހަމަލާދީ 29 މީހުން މަރާލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް