ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 15:44
ހައިތަމް ތުއްތު ކުދިންނަށް ކިޔަވައިދެނީ
ހައިތަމް ތުއްތު ކުދިންނަށް ކިޔަވައިދެނީ
ރޮއިޓާސް
އުނގަންނައިދިނުމަށް ވަޒީފާ ދޫކޮށްލި ހައިތަމް
މާލީ ތަނަވަސްކަން ނެތް ތުއްތު ކުދިންނަށް ޢިލްމު އުނގަންނައިދިނުމަށް ވަޒީފާވެސް ދޫކޮށްލި ހައިތަމްއަކީ ނަމޫނާއެއް!
ތަޢުލީމީ ޙަޔާތުގެ ފުރަތަމަ މަރުޙަލާގައި ދަރިވަރުންގެ ފިޔަވަޅު ތިލަ ސާބިތުކޮށްދިނުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން ދާ ޕްރީ ސްކޫލް ޓީޗަރުންނަކީ ދެން ތިބި އެހެން އެދުރުންނަށްވެސް ލާމަސީލު މިސާލެއް

ޕްރީ ސްކޫލް ޓީޗަރުންނަކީ އެތައް އަހަރަކަށް ދެމިގެންދާ ތަޢުލީމީ ޙަޔާތުގައި ބައްދަލުވާ، އެންމެ އޯގާތެރި އަދި ހިތްވަރު ގަދަ މުދައްރިސުން ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ތަޢުލީމީ ޙަޔާތުގެ ފުރަތަމަ މަރުޙަލާގައި ދަރިވަރުންގެ ފިޔަވަޅު ތިލަ ސާބިތުކޮށްދިނުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން ދާ ޕްރީ ސްކޫލް ޓީޗަރުންނަކީ ދެން ތިބި އެހެން އެދުރުންނަށްވެސް ލާމަސީލު މިސާލެކެވެ. އެފަދަ އެކަކީ ފަލަސްޠީނުގެ ޕްރީ ސްކޫލް ޓީޗަރެއް ކަމަށް ވާ ޚައިތަމް އަބޫ އަވާދުއެވެ.

ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގަމުން ދިޔަ ނަރސަރީ ކުލާސްތަކުގައި ކިޔަވައިދިނުމުގެ މަސައްކަތުގައި އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާ ދޫކޮށް، އަމިއްލަ ގޭގައި އޮންލައިންކޮށް ކިންޑަރގަރޓަން ފިލާވަޅުތައް އުނގަންނައިދިނުމުގެ މަޝްރޫޢު ފެށީ މާތް މަޤްޞަދެއްގައެވެ. ޚައިތަމްގެ އަމާޒަކަށް ވީ، އިންތިހާއަށް އަގު ބޮޑު ޕްރީ ސްކޫލު ފީ ދެއްކުމުގެ މާލީ ތަނަވަސްކަން ނެތް ޢާއިލާތަކުގެ ކުދިންނަށް ޚިދުމަތް ކޮށްދިނުމެވެ. މާލީ ގޮތުން ނިކަމެތި ކަމާ ކުރިމަތިލާން ޖެހިފައި ވާ ކުދިންނަކީ ތަޢުލީމުގެ ނަޞީބުން މަހްރޫމު ވެފައި ވާ ބަޔަކަށް ވެގެން ނުދާނެކަން ކަށަވަރު ކުރުމަށެވެ.

"ޕްރީ ސްކޫލް ޢުމުރުފުރާގެ ގިނަ ކުދިން ސްކޫލަކަށް ނުދޭ، މާލީ ގޮތުން ހުރި ދަތިތަކާ ހެދި. އެފަދަ ކުދިންނަށް ޚާއްޞަކޮށްގެން، ޣައްޒާގަ، އޮންލައިންކޮށް ޕްރީ ސްކޫލެއް ނުހިންގާންވީ ކީއްވެ؟ ވަރަށް ގިނަ މީހުން އަހަރެން ގާތު ބުނަމުން ދަނީ، މާތް ﷲގެ އިރާދަފުޅުން އަސްލު ޕްރީ ސްކޫލެއްވެސް އަހަރެން އަދި ހުޅުވާނޭ. އެކަމަކު އަހަރެން ބުނަން އެމީހުން ގާތު، ނޫނެކޭ. އެއީ، އަހަރެންގެ އަމާޒަކީ ވަކި ބަޔަކަށް ވާތީ. އަހަރެންގެ އަމާޒު ހުރީ މާލީ ޙާލަތު ހުރި ގޮތުން ތަޢުލީމުން މަހުރޫމުވަމުން ދާ ކުދިންނަށް އެހީވުމާ ދިމާއަށް ކަމަށް ވާތީ. ކުލާސްތަކުގަ ބައިވެރިވާ ދަރިވަރުންގެ މައިންނަށް އަހަރެން ތަޢުރީފު ކުރަން. މިސާލަކަށް، 12 ޖަހާއިރު އެމީހުން ތިބޭނީ ދަރިން ގޮވައިގެން ތައްޔާރަށް، އެ ދުވަހުގެ ސެޝަނަށް އިންތިޒާރުގަ."
ހައިތަމް އަބޫ އަވާދު؛ ޣައްޒާގެ ޕްރީ ސްކޫލް ޓީޗަރެއް

ޚައިތަމްއަކީ ޕްރީ ސްކޫލު ޓީޗިންގްގެ ދާއިރާގައި 13 އަހަރު މަސައްކަތް ކޮށްފައި ވާ ތަޖުރިބާ ކާރު ޓީޗަރެކެވެ. މިއަދު އޮންލައިން ޕްލެޓްފޯމުގައި އޭނާ ހިންގާ ކުލާސްތަކުގައި، ޣައްޒާގެ އެކި ހިސާބުތަކުން 300 އެއްހާ ދަރިވަރުން ދަނީ ބައިވެރި ވަމުންނެވެ. ޚައިތަމްގެ ކުލާސްތަކުގައި ދަރިވަރުން ބައިވެރި ވަމުން ދަނީ، އެ ދަރިވަރުންގެ މައިންބަފައިންގެ މޯބައިލް ފޯނުތައް ބޭނުން ކޮށްގެންނެވެ. ޚައިތަމްގެ ކުލާސްތަކުގައި ބައިވެރިވާ ފަލަސްޠީނުގެ ބައެއް ދަރިވަރުންނަކީ ޢުރުދުން، ކުވައިތު، މިޞްރު އަދި ބެލްޖިއަމް ފަދަ ޤައުމުތަކުގައި ދިރިއުޅޭ ކުދިންނެވެ.

"ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ އަހަރެންގެ އެކްޓިވިޓީ ފައިލުގަ. ޕްރީ ސްކޫލް ކުދިންނަށް ކިޔަވައި މި ދެނީ، ފަލަސްޠީނުގެ ޕްރީ ސްކޫލު މަންހަޖާ އެއްގޮތަށް. ޢިލްމީ ވަޞީލަތްތަކާއި ވާހަކަތައްވެސް ހުންނާނެ. ކުދިން އެންމެ ގަޔާވަނީ ޕަޕެޓްތަކާ. އެކިއެކި ޚިޔާލާއި މަޢުލޫމާތު އަހަރަމެން ފޯރުކޮށްދެމުން ދަނީ ޕަޕެޓް ޝޯވްތަކުން."
ހައިތަމް އަބޫ އަވާދު؛ ޣައްޒާގެ ޕްރީ ސްކޫލް ޓީޗަރެއް

މުޅި ޣައްޒާއަށް ބެލި ކަމުގައި ވީ ނަމަވެސް، އެއްވެސް ވަރެއްގެ ފީ އަކާ ނުލާ ކިޔަވައިދޭ އެއްވެސް ޕްރީ ސްކޫލެއް ނެތެވެ. ޣައްޒާގައި އެވަރޭޖުކޮށް ޕްރީ ސްކޫލު ފީއެއްގެ ގޮތުގައި މަހެއްގެ މައްޗަށް 200 ޝެކްލްސް ނުވަތަ ގާތްގަނޑަކަށް 52.6 ޑޮލަރު ދައްކަން ޖެހެއެވެ. ޚައިތަމްގެ ކުލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ މަހު ފީ އަކީ އެންމެ 10 ޝެކްލްސް ނުވަތަ ގާތްގަނޑަކަށް 2.6 ޑޮލަރެވެ.

"ތެދު ތެދަށް ބުނަންޏާ، އޮންލައިންކޮށް ހިންގާ ޕްރީ ސްކޫލާއި އާންމު އުސޫލުން ހިންގާ ޕްރީ ސްކޫލަށް ހިނގާ ޚަރަދުތައް މާލީ ނަޒަރަކުން އަޅާ ކިޔޭކަށް ނެތް. އާންމުކޮށް ހިންގާ ޕްރީ ސްކޫލުތަކުން މަހު ފީގެ ގޮތުގައި އެބަ ނަގާ 200 ޝެކްލްސް. ހަމަ ތެދެއް މި ބުނީ، އަހަރެން ނަގަނީ އެންމެ 10 ޝެކްލްސް މަހެއްގެ މައްޗަށް. އެއީ ވަރަށް ކުޑަ އެއްޗެއް. ބައެއް މީހުން ބުނޭ، ފައިސާއެއް ނުދެއްކޭނޭ. އަހަރެން އެމީހުން ގާތު ބުނަނީ، މީ ދަރުމައަށް ހިންގާ އޮންލައިން ޕްރީ ސްކޫލެކޭ. ފަރުދެއްގެ ހައިސިއްޔަތުން އަހަރެން ކުރާ، އަމިއްލަ މަސައްކަތެކޭ. ފީ ދެއްކިއަސް، ނުދެއްކިއަސް އަހަރެންގެ ފަރުވާލެއް ނެތް. ކޮންމެ ސެމެސްޓަރެއް ނިމޭ އިރަށް، ޣައްޒާގެ ކޮންމެވެސް އެއް ތަނަކަށް ހުރިހާ ދަރިވަރުން ޖަމާ ކުރަން އަހަރެން. ސެޓްފިކެޓާއި ހަދިޔާދީ، ވަރުގަދަ ގްރެޖުއޭޝަންއެއްވެސް ބާއްވަން."
ހައިތަމް އަބޫ އަވާދު؛ ޣައްޒާގެ ޕްރީ ސްކޫލް ޓީޗަރެއް

ހައިތަމްގެ ކުލާސްތަކުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުންވެސް އޭނާއަށް ލިބެނީ ތަޢުރީފުގެ ބަސްތަކެވެ.

"އަހަންނަކީ ޒައިނާ ޤުއްފާގެ މަންމަ. ޒައިނާ އުޅެނީ އޮންލައިން ޕްރީ ސްކޫލުގަ ބައިވެރިވެގެން. އިޤްތިޞާދީ ޙާލަތު އޮތް ގޮތުން އެ ކުލާހުގަ އަހަރެން އޭނަ ބައިވެރި ކުރީ. އާންމުކޮށް ހިންގާ ޕްރީ ސްކޫލުތަކަށް ފީ ދައްކަން ޖެހޭ، ފޮތްތައް ގަންނަން ޖެހޭ، ދަތުރުފަތުރާ އެހެން ކަންކަމަށް ޚަރަދުތަކެއް އެބަ ކުރަން ޖެހޭ. އެހެންވެ އޮންލައިން ކުލާހުގަ ބައިވެރި ކުރަން ނިންމީ. އެ ކުލާސްތަކުން ޒައިނާއަށް ވަރަށް ބޮޑަށް ފައިދާ ކުރޭ."
ހީބާ ޤުއްފާ؛ ހައިތަމްގެ ދަރިވަރެއްގެ މަންމަ

އދގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މުޅި ދުނިޔޭގެ ނިސްބަތުންވެސް ވަޒީފާ ނެތް މީހުންގެ ޢަދަދު އެންމެ ގިނަ މަންޒިލްތަކުގެ ތެރޭގައި ޣައްޒާ ހިމެނެއެވެ. ޣައްޒާގެ އާބާދީގެ 46.6 ޕަސެންޓް މީހުންނަކީ ވަޒީފާއެއް ނުލިބި ތިބި މީހުންނެވެ. ޒުވާނުންގެ މެދުގައިވެސް ވަޒީފާ ނުލިބުމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ. ޣައްޒާގެ އަބާދީއަށް ބަލާއިރު، 1.3 މިލިއަން މީހުންނަކީ ކާބޯތަކެތީގެ އެހީތެރިކަމަށްވެސް ބޭނުންވެފައި ތިބި މީހުންކަން ފާހަގަ ކުރަން ޖެހެއެވެ. މިފަދަ އެތައް ސަބަބަކާއި ހެދި ބައިނަލްއަޤުވާމީ ޕޯޑިއަމްތަކުގައި ޣައްޒާ ސިފަ ކުރެވިގެން ދަނީ، ދުނިޔޭގައި އޮތް އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައެވެ.

- ކޮމެންޓް