ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 19:43
ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް
ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް
ރާއްޖެ އެމްވީ
އިދިކޮޅު ކޯލިޝަން
މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން
އެ މައްސަލަ އެޖެންޑާގައި އޮންނަ ޖެހޭނެ: އިދިކޮޅު ކޯލިޝަން

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި އެ މައްސަލަ އެޖެންޑާގައި އޮންނަ ޖެހޭނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލިކަން އަންގާފައިވާ އެންގުން ބަލައިނުގަންނަ ކަމަށެވެ. އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލާފައިވާކަން އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފޮނުއްވި ސިޓީއަކުން ކަމަށެވެ. ނަމަވެސް އެ ސިޓީގައި ނައިބު ރައީސަށް ސޮއި ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން އެކަމުގެ ހުރިހާ މަސައްކަތްކަތެއް ކުރުމުގެ ޒިންމާއާ މައްސޫލިއްޔަތު އުފުލަން ޖެހޭ ފަރާތަކީ މަޖިލީހުގެ އަމީން އާންމު. މިއީ މަޖިލީހުގެ ގަވައިދުގައި ކަށަވަރުކޮށްދީފައި އޮތް ކަމެއް. މި މައްސަލާގެ ތެރެއަށް މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ވަދެ، އެއްވެސް މައްސޫލިއްޔަތެއް ނުވަތަ ޒިންމާއެއް ނޫނިއްޔާ މަސައްކަތެއް ނުކުރެވޭނެ." އިބޫ ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ވަކިވެއްޖެ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްނުލެވޭނެ ކަމަށެވެ. އިބޫ ފާހަގަ ކުރެއްވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެފައިވާއިރު އެއީ ހަމަ ޖެހޭ އުސޫލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވަހީދުގެ ގޮނޑި ގެއްލުނު ކަމަށް އޭގައި ބުނެފައި މި އޮންނަނީ. އެކަމާ ގުޅިގެން ވަހީދު އެ ޕެޓިޝަނުގައި ކުރި ސޮއި ބާތިލްވީ އޭ. އެހެންވިއްޔާ ބާތިލްވާން ޖެހޭނީ ހަމައެކަނި ޕެޓިޝަނުގައި ކުރި ސޮއި އެކަންޏެއް ނޫން. މަޖިލީހުގެ ތެރޭގައި ވަހީދު ކުރައްވާފައިވާ ހުރިހާ މަސައްކަތެއް، އަމީތު ކުރައްވާފައިވާ ހުރިހާ މަސައްކަތެއް ބާތިލް ވެގެންދާން ޖެހޭނެ." އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ މައްސަލަ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންއަށް ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވަނީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން އަވަހަށް ބަލައި ނިންމާ ދިނުމަށް ގޮވާލާފަ އެވެ. އަދި ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލިއްޖެ ކަމަށް ސަރުކާރުންވެސް މިހާރު ގަބޫލު ކޮށްފި ކަމަށެވެ.

"އަތާ ފައި ހިއްލައިގެންވެސް މި ފަހަރު ނުކެރުނު އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފުރުސަތު ދޭކަށް. މިއިން މި އިނގެނީ އެ އޮތީ ބަލިވެފައި،" ރިޔާޒު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ސުޕްރީމްގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށެވެ.

- ކޮމެންޓް