ރެއާލް މަޔޯކާއިން, ލަލީގާގެ ޗެމްޕިއަން ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މެޗުގައި ދެފަހަރުވެސް ކުރިހޯދީ މަޔޯކާއިންނެވެ. މެޗުގައި މަޔޯކާއިން ފުރަތަމަ ލީޑް ނެގީ އަށް ވަނަ މިނިޓްގައި މުރިގީ ޖެހި ލަނޑުންނެވެ. މިލަނޑުގައި ކީޕަރު ޓާސްޓެގަންގެ މިސްޓޭކް ބޮޑެވެ. ހާފް ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާއަށް ފުރަތަމަ ނަތީޖާ ހަމަހަމަކޮށްދިނީ ރަފީނިއާއެވެ. އެކަމަކު އިތުރު ވަގުތުގައި ލަނޑު ޖަހައިގެން މަޔޯކާއިން ހާފް ނިންމާލީ ލީޑްގައި އޮވެއެވެ. ލަނޑު ޖަހައިދިނީ ޕްރާޓްސްއެވެ. ދެވަނަ ފަހަރަށް ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޮޕޭޒްއެވެ. މިއީ 20 އަހަރުގެ ސްޕެއިން މިޑްފީލްޑަރ ލޮޕޭޒް ޖެހި ލަނޑަކީ ބާސެލޯނާއަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗު މަޔޯކާއިން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މަފެއޯއަށް ސީދާ ސަތްކާޑް ދެއްކުމުނެނެވެ.
މެޗުން ބަލިނުވެ ފަރުޖައްސާކުމުން ބާސެލޯނާ ވަނީ ލީގު ތާވަލްގެ އެއްވަނަ ހިފަހައްޓާފައެވެ. އަދި ބަލިނުވެ ސީޒަންގައި ދަމަހައްޓަމުން އަންނަ ރެކޯޑްވެސް ދަމަހައްޓާފައެވެ. ލީގު ތާވަލްގެ އެއްވަނާގައި ބާސެލޯނާ އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ. އެކަމަކު ވާދެވެރި ރެއާލް މެޑްރިޑާ ދެމެދު ދެ ޕޮއިންޓްގެ ލީޑެއް އެބައޮތެވެ.