އިގްތިސާދީ އަދި ސިޔާސީ ހީނަރުކަމުގައި ބައިބައިވެފައި އޮތް ލުބްނާނުގެ ވެރިކަންކުރާ ބެއިރޫތުގެ ބަދިގެއެއްގެ ތެރޭގައި އަވަދިނެތި އުޅެމުން ދިޔަ މީހުންގެ އަދަދު 12އަށްވުރެ މަދެއް ނުވާނެއެވެ. ދޭސީންނާއި ބިދޭސީންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ ސްރީލަންކާގެ ކޭންތައް ތައްޔާރު ކުރެވޭތޯއެވެ. އެއީ އެމީހުން ބައިވެރިވަމުން ދިޔަ މަސައްކަތު ބައްދަލުވުމުގެ ބައެކެވެ. ކެއްކުމާބެހޭ މަސައްކަތު ބައްދަލުވުމުގެ މޭސްތިރިއަކީ، ގޭތެރޭގެ އެކި މަސައްކަތްތައް ކުރުމަށް ނުވަތަ ޑޮމެސްޓިކް ވޯރކަރެއްގެ ގޮތުގައި ލުބްނާނަށް ހިޖުރަކުރި ލަންކާ ރައްޔިތެއް ކަމަށްވާ އަނާ ފެނާންޑޯއެވެ.
އަނާގެ ދިރިއުޅުން ލުބްނާނަށް ބަދަލުކުރީ މީގެ 35 ވަރަކަށް އަހަރު ކުރިންނެވެ. ލުބްނާނަށް އޭނާ ބަދަލުވީ ކުޑަކުދިން ބަލާ މީހެއްގެ ވަޒީފާއަށެވެ. ލުބްނާނަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، އަނާ ވަނީ އޭނާގެ އުފަން ވަޒަނުން ދަސްވެފައި ހުރި އެ ގައުމުގެ ޚާއްސަ ކޭންތަކުގެ ރެސިޕީޓައް، ލުބްނާނުގެ މަޝްހޫރު ޝެފަކާ ހިއްސާކޮށްފައެވެ. ކައްކާއެއްގެ ގޮތުގައި އަނާ ތަމްރީނުތައް ފުރިހަމަކުރީވެސް މި ދެންނެވި ލުބްނާނުގެ ޝެފުގެ ގާތުންނެވެ.
މަށަކީ ސްރީލަންކާ މީހެއް. މިތާ، ލުބްނާނުގަ ދިރިއުޅޭތާ މިހާރު 35 އަހަރު ވެއްޖެ. މަށަކީ ހިޖުރަވެރި މަސައްކަތްތެރިއެއް. ޑޮމެސްޓިކް ވޯރކަރެއް. އަހަރެން ލުބްނާނަށް އައީ ކުޑަކުދިން ބަލަހައްޓާ މީހެއްގެ ގޮތުގަ. އެހެން ހުއްޓާ ކުއްލިއަކަށް މި ފެންނަނީ ތައުލަތު. ތައުލަތު އެނގެއެއްނު ދޯ! އަހަރެން ތަމްރީނުވީ ތައުލަތުގެ ބާނީ، ކަމާލް މުޒާވަކުގެ ގާތުން… 4 ވަރަކަށް އަހަރު ވަންދެން ތަމްރީނު ހޯދިން. މަށަށް އެނގޭ ލަންކާ ރެސިޕީތައް ކަމާލްއާ ހިއްސާ ކުރިން. ކަމާލް ބުނާ ގޮތުން ވިއްޔާ، އޭނާއަށް އެންމެ މީރީ އަހަރެން ކައްކާ އެއްޗެހި. މިއަދު މަށަކީ ޝެފެއް.އަނާ ފެނާންޑޯ؛ ލަންކާގެ ކައްކާއެއް
އަނާގެ ކެއްކުމާބެހޭ މަސައްކަތު ބައްދަލުވުން އިންތިޒާމްކުރީ "ދަ ގްރޭޓް އަވަން" ނަމަކަށްކިޔާ އެންޖީއޯއަކާއި، "ނޭޝަން ސްޓޭޝަން" ކިޔާ ހަރަކާތަކާ ގުޅިގެންނެވެ. އެއީ 2020 ވަނަ އަހަރު ލުބްނާނުގެ ބަނދަރުގައި ހިނގި ވަރުގަދަ އަލިފާނުގެ ކާރިސާއަށްފަހު، ކުރިން ކާރު ދޮވެ ހަދަން ބޭނުންކުރި ތަނެއް، އިޖުތިމާއީ މަރުކަޒަކަށް ބަދަލުކޮށްލި ހަރަކާތެކެވެ.
އަނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ "ފްލޭވަރޒް ވިތައުޓް ބޯޑަރޒް"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތުގެ ފުރަތަމަ ބާބެވެ. މަސައްކަތު ބައްދަލުވުން އިންތިޒާމްކޮށްފައި ވަނީ ތަފާތު 16 އެޑިޝަންއެއްގެ މައްޗަށެވެ. ކޮންމެ އެޑިޝަނަކީވެސް ތަފާތު ގައުމެއްގެ ކޭމަކަށް ޚާއްސަ ބާބެކެވެ. އެ ބާބުތަކުގައި ނަގައިކިޔަން ތިބެނީ އެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
މިކަހަލަ މައުލޫމާތުތަކެއް ލިބުމަކީ ވަރަށް ހިތްގައިމު ކަމެއް. އާންމު ގޮތެއްގަ، އެކި ސަގާފަތްތަކުގެ މައުލޫމާތު އަހަރެމެން މި ހޯދަނީ ޔޫޓިއުބް ނޫނީ އިންޓަރނެޓުގެ ކޮންމެވެސް ހިސާބަކުން. އެކަމަކު، އެ ތަޖުރިބާ، އަސްލު މީހަކާއެކީ، ހަގީގީ ދުނިޔޭގަ ކޮށްލަން ލިބުމަކީ ހަމަ ވަރަށް ހިތްގައިމު ކަމެއް.އެރިކް މިހްލާފް؛ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާ، ޖަރުމަނު މީހެއް
"ދަ ގްރޭޓް އަވަން"ގެ ކޯ-ފައުންޑަރެއް ކަމަށްވާ ނޫރު މަތުރާޖީ ވަނީ، މިފަދަ މަސައްކަތު ބައްދަލުވުމެއްގެ ތެރެއިން އެކި ކަހަލަ ކޭންތައް ތަޖުރިބާކޮށްލަން ލިބުމާއި، ރެސްޓޯރަންޓުތަކަށް ގޮސް ކުރެވޭ ތަޖުރިބާތަކާ ދެމެދު ހުރި ފަރަގު ހިއްސާކޮށްފައެވެ.
ތަޖުރިބާގެ ހަވާސާ، ރެސްޓޯރަންޓަކަށްވުރެ ބޮޑަށް، ވީހާވެސް ފުޅާކުރެވޭތޯ މިތާ އަހަރެމެން ބަލަމުން މި ދަނީ. ފުރަތަމަ ކަމަކަށް، ކޭން ތައްޔާރު ކުރުމުގެ މަސައްކަތުގަ އެބަ ބައިވެރިވެވޭ. ކައްކަން ދަސްކުރެވޭ. އެ ގައުމެއްގެ މީހަކާ އެބަ ބައްދަލު ކުރެވޭ. އެމީހަކާ ވާހަކަދައްކާ، ޚިޔާލު ބަދަލުކޮށް ހަދާލެވޭ. މީ ބޮޑެތި މުނާސަބާތަކުގަ، އާއިލީ ބައްދަލުވުންތަކުގަ ފެންނަކަހަލަ މަންޒަރުތަކެއް. ހަމަ އެކަހަލަ ކަމެއް މީ.ނޫރު މަތުރާޖީ؛ ދަ ގްރޭޓް އަވަންގެ ކޯ-ފައުންޑަރެއް
އަނާގެ ބެލުމުގެ ދަށުން އެކުލަވާލި މެނޫގައި؛ ކާށި ސަމްބޯލް، ކެޝޫއާއި ގްރީން ބީންސް ރިހަ އަދި ލަންކާގެ ޚާއްސަ ރެޑް ރައިސް ހިމެނެއެވެ. ކޭންތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި ބައިވެރިން ހަރަކާތްތެރިވަމުން ދިޔައިރު، އަނާ ދިޔައީ ބޭނުންކުރަމުން ދިޔަ ހަވާދުގެ ބާވަތްތަކުގެ ތަފްސީލުތައް ހިއްސާ ކުރަމުންނެވެ.