ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 16:56
ޗައިނާގެ ގައުމީ ޖައްވީ ލެބޯޓްރީއެއްގެ ގޮތުގައި އޮޕަރޭޓްކުރާ ޓިއަންގޮންގް ޖައްވީ ސްޓޭޝަނަކީ، ސައިންސް ކުރިއަރުވައި، އެ ރޮނގުން ތައުލީމު ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެއް
ޗައިނާގެ ގައުމީ ޖައްވީ ލެބޯޓްރީއެއްގެ ގޮތުގައި އޮޕަރޭޓްކުރާ ޓިއަންގޮންގް ޖައްވީ ސްޓޭޝަނަކީ، ސައިންސް ކުރިއަރުވައި، އެ ރޮނގުން ތައުލީމު ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެއް
ރޮއިޓާސް
ޕިންގް-ޕޮންގް
ފެން ތިއްކަކުން ޕިންގް-ޕޮންގް؟
 
ފެންތިކި ފަޅައިގެން ނުދަނީ ރެކެޓްގެ ސަރފަސް ޓެންޝަންގެ ސަބަބުން
 
"ޓޭބަލް ޓެނިސް" ތަޖުރިބާގެ އިތުރުން، ޝެންޖޯ-16ގެ ކްރޫއިން ވަނީ ޓިއަންގޮންގް ޖައްވީ ސްޓޭޝަންގައި ހުންނަ މެންގްޝިއަން ލެބް މޮޑިއުލްގައި އެމީހުންގެ މަސައްކަތާއި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ކިޔައިދީ

ޗައިނާއަކީ އެ ގައުމުން ކުރާ ކޮންމެ ކަމެއްގައި ދުނިޔޭގެ 1 ނަމްބަރު މަގާމު ކަށަވަރުކޮށް، އެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއް ކަމާމެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ޗައިނާއިން ފައި ވިއްދައިގެން އޮތީ ހަމަ އެކަނި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުގެ މަގާމަށޭ ދެންނެވުމަކީ އަދި އެންމެ ރަނގަޅު ގޮތަކަށް ނުވާނެއެވެ. ޗައިނާއިން ދަނީ އެ ގައުމުން އެންމެ ޖެހިލުންވާ ހަތުރުންނާއި ވާދަކޮށް، ޖައްވީ ރޭހުގައިވެސް އެ ގައުމަށް ކުރިހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާއިން މިހާރުވެސް ދަނީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ފަދަ އެތައް ކަމެއް ޖައްވުގެ ތެރޭގައި ކުރަމުންނެވެ.

މި ދިޔަ ބުރާސްފަތި ދުވަހަކީވެސް ޗައިނާއިން އެފަދަ ކަމެއް ކުރި ދުވަހެކެވެ. ޝެންޖޯ-16ގެ ޖައްވީ ފަޅުވެރިން މިފަހަރު އެމީހުންގެ ހުނަރުވެރިކަން ދައްކާލީ، ޖައްވު ތެރޭގައި ޕިންގް-ޕޮންގް ނުވަތަ ޓޭބަލް ޓެނިސް ކުޅުމުގެ ހުނަރު ދައްކާލައިގެންނެވެ. ޓިއާންގޮންގް ޖައްވީ ސްޓޭޝަނާބެހޭ މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ޖައްވީ ލެކްޗަރެއްގައި، ޝެންޖޯ-16 އެސްޓްރޮނޯޓުން ނުވަތަ ޖައްވީ ފަޅުވެރިން ޕިންގް-ޕޮންގް ކުޅުނީ އާދައިގެ ޓީޓީ ބޯޅައެއްގެ ބަދަލުގައި، ފެން ތިއްކެއް ބޭނުން ކޮށްގެންނެވެ.

ޖައްވީ ފަޅުވެރިންގެ ކުރޫގައި ހިމެނޭ ޒޫ ޔަންގްޗޫއާއި ގުއީ ހައިޗާއޯ ޕިންގް-ޕޮންގް ކުޅެމުން ދިޔައީ މައިކްރޯގްރެވިޓީއާ ބެހޭ ގޮތުން ލައިވްސްޓްރީމްކުރި، 4 ވަނަ ލެކްޗަރުގެ ތެރެއިންނެވެ. އެ ލެކްޗަރު ކުރިއަށް ގެންދިޔައީ ޖައްވު ތެރޭގައި ދަތުރު ކުރަމުންދާ ޗައިނާގެ ޖައްވީ ސްޓޭޝަންގައެވެ.

ޓޭބަލް ޓެނިސްގެ ތަޖުރިބާއަކީ ލެކްޗަރުގެ ބައެކެވެ. ތަޖުރިބާ ފެށިގެން އައިއިރު، ކުޑަކުޑަ ފެން ތިކީގައި ޖެހުމަށް ގުއީ ބޭނުން ކުރަމުން ދިޔައީ އާންމުކޮށްވެސް ޓީޓީ ކުޅެން ގެންގުޅޭ ކަހަލަ ރެކެޓެކެވެ. ނަމަވެސް، ކާމިޔާބު ވާގޮތެއް ނުވިއެވެ. ރެކެޓުގައި ފެންތިކި ހަރުލީއެވެ.

ދެން މަސައްކަތް ފެށީ ޒޫއެވެ. ޒޫގެ ރެކެޓުގައި އޮތީ ތުވާއްޔެއް އޮޅާފައެވެ. ތުވާލި އޮޅާފައި އޮތް ރެކެޓުގެ އެހީގައި ޒޫ ވަނީ، އައިކޮޅަށް ފެންތިކި ފޮނުވާލާފައެވެ. އެ ތަޖުރިބާއަކީ ވީހާވެސް ޝައުގުން ފުރިފައިވާ ތަޖުރިބާއަކަށް ހެދުމަށްޓަކައި ޒޫއާއި ގުއީ ވަނީ ތުވާލި އޮޅި ރެކެޓްތަކެއް ބޭނުން ކޮށްގެން ޓީޓީ މެޗެއް ކުޅެފައެވެ.

ޒޫ ވަނީ ތުވާލި ރެކެޓާއި ފެން ތިކެއް ބޭނުން ކޮށްގެން ޖައްވު ތެރޭގައި ޕިންގް-ޕޮންގް ކުޅެވުނު ގޮތް ތަފްސީލު ކޮށްދީފައެވެ.

ފުރަތަމަ ކަމަކަށް، ފެންތިކި ފަޅައިގެން ނުދަނީ ރެކެޓްގެ ސަރފަސް ޓެންޝަންގެ ސަބަބުން. އަނެއްކޮޅުން، ތުވާލި ހަދާފަ މި ހުންނަނީ، ހައިޑްރޯފޮބިކް މެޓީރިއަލުން. ޓެކްސްޓައިލް އިންޑަސްޓްރީގައި ބޭނުންކުރާ، އަހަރެމެން މި ލައިގެން ހުންނަ ޖެކެޓާ އަވަހަށް ހިކޭ ހެދުންތައް ހުންނަ މެޓީރިއަލުން.
ޒޫ ޔަންގްޗޫ؛ ޝެންޖޯ-16ގެ އެސްޓްރޮނޯޓެއް

ހައިޑްރޯފޮބިސިޓީއަކީ މޮލިކިއުލްތަކާއި ފެން، އެކަތި އަނެކައްޗާ ދުރުކޮށްދޭ ފިޒިކަލް ޕްރޮޕަޓީއެކެވެ. ހައިޑްރޯފޮބިކް މޮލިކިއުލްތައް ހުންނަ މާއްދާތަކަށް ކިޔަނީ ހައިޑްރޯފޯބްސްއެވެ.

"ޓޭބަލް ޓެނިސް" ތަޖުރިބާގެ އިތުރުން ޝެންޖޯ-16ގެ ކްރޫއިން ވަނީ ޓިއަންގޮންގް ޖައްވީ ސްޓޭޝަންގައި ހުންނަ މެންގްޝިއަން ލެބް މޮޑިއުލްގައި އެމީހުންގެ މަސައްކަތާއި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ކިޔައިދީފައެވެ. އަދި ސްފެރިކަލް ފްލޭމް ތަޖުރިބާކޮށް، މޮމެންޓަމް ކޮންޒަވޭޝަންގެ ހަމަތައްވެސް ދައްކާލިއެވެ.

ދާއިރާގެ ތަޖުރިބާކާރުން ޖައްވުގައި ތިބެގެން ކުރިއަށްގެންދިޔަ ލެކްޗަރުގައި ބައިވެރިވި ދަރިވަރުން ތިބީ ޗައިނާގެ އެކި ހިސާބުތަކުގައެވެ. އެގޮތުން ވެރިކަން ކުރަން ބެއިޖިންގުގެ އިތުރުން އިނަރ މޮންގޯލިއާ، ޝާންޝީ އަދި އަންހޫއީ ޝީޖިއާންގްއިން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ޗައިނާގެ ގައުމީ ޖައްވީ ލެބޯޓްރީއެއްގެ ގޮތުގައި އޮޕަރޭޓްކުރާ ޓިއަންގޮންގް ޖައްވީ ސްޓޭޝަނަކީ، ސައިންސް ކުރިއަރުވާ، އެ ރޮނގުން ތައުލީމު ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެކެވެ. ޝެންޖޯ-13 އަދި ޝެންޖޯ-14ގެ ޖައްވީ ފަޅުވެރިންވެސް ވަނީ ޖައްވުގައި ތިބެގެން ލެކްޗަރުތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް